ކްލަބް މޯލްޑިވްސް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، އެމްޕީއެލް އާއި އާބަންކޯ އިން އެ މުބާރާތުގެ ގަދަ 16 އާ ގާތަށް ޖެހިލައިފިއެވެ.
ޓީޓީއެސް އަތުން އެމްޕީއެލް މޮޅުވީ 10-2 އިންނެވެ. އާބަންކޯ އިން ވަނީ 4-0 އިން ކްލަބް އިމިގްރޭޝަން ބަލިކޮށްފައެވެ.
ގްރޫޕް ސީ ގައި ހިމެނޭ އެމްޕޢެލް އިން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދާފައެވެ. ގޭސް ކްލަބަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ޓީޓީއެސް އާއި ޓީމް އެލައިޑަށް ޕޮއިންޓެއް ނުލިބެއެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި އެމްޕީއެލް އިން ޖެހި 10 ލަނޑުގެ ތެރެއިން އަހުމަދު ހުސައިން އާއި މަހްދީ ބަހްމާނީ އަދި އަހުމަދު ބައްސާމް މުޙައްމަދު (ބައްކު) ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލްޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ އިބްރާހިމް އަތީގު ހަސަން، މުޙައްމަދު ޔަފާއު އާއި މުޙައްމަދު ވިޝާހު އިބްރާހިމް އަދި މުޙައްމަދު ސާދު ނިޒާރު އެވެ. ޓީޓީއެސްގެ ލަނޑުތައް ޖަހައިދިނީ ނާފިއު ސައީދު އާއި އަހުމަދު ރިޒުވާން އިސްމާއިލް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ބައްކު އެވެ.
އާބަންކޯ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ސާމިން މުޙައްމަދު ނަސީރު، ޔާމީން މުޙައްމަދު (ޔާންޓެ) އާއި ހުސައިން ސުހައިލް އަދި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އާބަންކޯގެ ޝާއްޕެ އެވެ.
މި މުބާރާތުގެ 18/30 ކްލަސިކްގައި އިއްޔެ ކުޅުނު މެޗުތަކަށް ބަލާއިރު ހުޅުމާލެ ހޮސްޕިޓަލް އަތުން މީރާ ރެކްރިއޭޝަން ކްލަބް ވަނީ 1-0 އިން މޮޅުވެފައެވެ. އައިޖީއެމްއެޗް ކްލަބް އަތުން 11-0 އިން ވެމްކޯ މޮޅުވިއިރު ކްލަބް އެމްވައިއެސްއާ ޕްރިޒަން ކްލަބް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
