އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓަ މިއާމީ އަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކުޅެދިން ފުރަތަމަ މެޗުގައި އެ ޓީމު މޮޅުކޮށްދީފިއެވެ.
ލީގު ކަޕްގައި މެކްސިކޯގެ ކްރުޒް އަޒުލް އަތުން އިންޓަ މިއާމީ މޮޅުވީ 2-1 އިންނެވެ.
20 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އިންޓަ މިއާމީ އަށް ލީޑްނަގައިދިނީ 44 ވަނަ މިނެޓުގައި ރޮބާޓް ޓެއިލާ އެވެ. ކްރުޒް އަޒުލް އިން އެއްވަރުކުރި ލަނޑު، މެޗު ނިމެން 25 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އުރިއެލް އަންޓޫނާ އެވެ.
އިންޓަ މިއާމީން މި މެޗުން މޮޅުވި ލަނޑު، އިތުރުވަގުތުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި މެސީ ކާމިޔާބުކޮށްދިނީ ލިބުނު ހިލޭޖެހުމަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން މެސީ އަށް ކާލޯސް ސަލްސީޑޯ ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުމެކެވެ. ގޯލާއި 25 ޔާޑު ދުރުން ފޮނުވާލި އެ ބޯޅަ މެސީ ވަނީ ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލާފައެވެ.
މި މެޗުގައި މެސީ އާއެކު ބާސެލޯނާ އަށް ކުރީން ކުޅުނު ސާޖިއޯ ބުސްކެޓްސް ވެސް ކުޅެފައިވެއެވެ. މީގެއިތުރުން، އެ ޓީމަށް ލީގު ކަޕްގައި ކުރިއަށް އޮތް އެޓްލަންޓާ ޔުނައިޓެޑް މެޗުގައި ސްޕެއިނުގެ އިތުރުން ބާސެލޯނާ އަށް ކުޅުނު ޖޯޑީ އަލްބާ ވެސް ފެނުމުގެ ފުރުޞަތު އެބައޮތެވެ.
"އަހަރެމެން ބޭނުންވީ މި ގޮތަށް ފަށަން. އެއީ ސަޕޯޓަރުންނަށް މޮޅަކާއެކު،" މެސީ ބުންޏެވެ.
އެމްއެލްއެސް އާއި މެކްސިކޯގެ ލީގާ އެމްއެކްސްގެ ޓީމުތަކުގައި މެދުގައި ކުޅޭ ލީގު ކަޕު މުބާރާތް ވެގެންމިދިޔައީ އެމްއެލްއެސްގައި އެންމެ ފަހުން ކުޅުނު 11 މެޗުގައި މޮޅެއްނުލިބި އޮތް އިންޓަ މިއާމީ އަށް ފޯމަކަށް އެޅިގެން ކުރިއަށްދާން ލިބުނު ރަނގަޅު ފުރުޞަތެކެވެ.
