މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި އަންހެނުންގެ ފުޓްބޯޅައިގެ ގަދަބާރުން ކަމަށްވާ އެމެރިކާ، ޖަޕާން އަދި އިންގްލެންޑުން ވެސް އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެއެވެ.

އެމެރިކާ އިން ވަނީ 3-0 އިން ވިއެޓްނާމް ބަލިކޮށްފައެވެ. ޖަޕާނުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޒެމްބިއާ އަތުން މޮޅުވެފައެވެ. ހެއިޓީ އަތުން އިންގްލެންޑް މޮޅުވީ 1-0 އިންނެވެ. 

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެމެރިކާ އިން ވަނީ މި ފަހަރުގެ ވިމެންސް ވޯލްޑް ކަޕްގައި އަލަށް ވާދަކުރި ވިއެޓްނާމާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑުޖަހާފައެވެ. މި މެޗުގެ 14 ވަނަ މިނެޓުގައި އެމެރިކާ އިން ލީޑްނެގީ ސޯފިއާ ސްމިތު ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިން އެލެކްސް މޯގަން އަށް އެ ޓީމު ލީޑް ފުޅާކޮށްދޭން 44 ވަނަ މިނެޓުގައި ލިބުނު ފުރުޞަތުގައި ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މޯގަން އެ ބޯޅަ ފޮނުވާލުމުން ވިއެޓްނާމްގެ ގޯލްކީޕަރު ޓްރަން ތީ ކިމް ތަންހް ވަނީ މަތަކޮށްފައެވެ.

ޒެމްބިއާ ކޮޅަށް ލަނޑުޖެހުމަށްފަހު ޖަޕާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ހަތްވަނަ މިނެޓުގައި އެމެރިކާގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ސޯފިއާ ސްމިތު އެވެ. އަދި އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ކެޕްޓަން ލިންޑްސޯ ހޯރާން އެވެ. މިއީ ސޯފިއާ ސްމިތު ތަނަވަސްކުރި ފުރުޞަތަކުން ހޯރާން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން 2011 ވަނަ އަހަރު ހޯދީ ޖަޕާނުން ވަނީ ފަސޭހަކަމާއެކު ޒެމްބިއާ ބަލިކޮށްފައެވެ. މި މެޗުގައި ޖަޕާނުން ޖެހި ފަސް ލަނޑުގެ ތެރެއިން ހިނާޓާ މިޔަޒާވާ ދެ ގޯލް ޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މިނާ ޓަނާކާ އާއި ޖުން އެންޑޯ އަދި ރިކޯ ޔުއޭކީ އެވެ. މީގެތެރެއިން، ރިކޯ ޔުއޭކީ ޖެހި ލަނޑަކީ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މިއީ ޒެމްބިއާގެ ގޯލްކީޕަރު ކެތަރީން މުސޮންޑާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ފައުލްއާ ގުޅިގެން މުސޮންޑާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ.

އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި އިންގްލެންޑުން ބްރިސްބަންގައި ހެއިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ ލިބުނު ޕެނަލްޓީއަކުން ޖޯޖިއާ ސްޓަންވޭ ކާމިޔާބުކުރި ގޯލުންނެވެ. މި ޕެނަލްޓީ އެންމެ ފުރަތަމަ ފޮނުވާލުމުން ހެއިޓީގެ ގޯލްކީޕަރު ކެރްލީ ތިއުސް މަތަކުރިއެވެ. ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އެ ޕެނަލްޓީ އަލުން ފޮނުވާލަން އަންގާފައެވެ. އެއީ ސްޓަންވޭ އެ ބޯޅަ ފޮނުވާލުމުގެ ހެއިޓީގެ ކީޕަރު ތިއުސް ގޯލް ރޮނގުގެ ކުރިއަށް ނިކުތުމުންނެވެ.

ހެއިޓީއާ އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

މި ފަހަރުގެ މުބާރާތުގައި އަލަށް ވާދަކުރި ޓީމެއް ކަމަށްވާ ހެއިޓީން ވަނީ މޮޅު ކުޅުމެއް ދައްކައި، ކައުންޓާ އެޓޭކުގައި ލިބުނު ފުރުޞަތުތަކުގައި އިންގްލެންޑަށް ބާރުބޮޑުކޮށްފައެވެ. އަދި އިންގްލެންޑްގެ އެޓޭކްތައް ހުއްޓުވުމުގައި އެ ޓީމުން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.

16 އަހަރުގެ މެދުކެނޑުމަކަށްފަހު ވިމެންސް ވޯލްޑް ކަޕަށް އެނބުރިއައި ޑެންމާކުން ވަނީ ފަހުވަގުތުގައި ވައްދާލި ލަނޑާއެކު ޗައިނާ އަތުން މުހިއްމު މޮޅެއް ހޯދާފައެވެ. ގްރޫޕް ޑީ ގައި ހިމެނޭ ޑެންމާކަށް މި މެޗުގައި ލަނޑުޖަހައިދިނީ އަމާލީ ވެންގްސްގާޑް އެވެ. މިއީ މެޗުގެ 89 ވަނަ މިނެޓުގައި އެ ޓީމުގެ ޕަނީލް ހާޑާ ނެގި ކޯނަރެއްގެ އެހީގައި ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ވެންގްސްގާޑް ކާމިޔާބުކުރި ގޯލެކެވެ.