ކިއުބާގައި ކިޔަވަން ތިބި 9 ދިވެހި ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއަރ ޕެކޭޖްތައް ފޮނުވައިފއެވެ.
މިތަކެތި ފޮނުވާފައިވަނީ ކޮވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީން ބުނީ ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއަރ ޕެކޭޖްތައް ފޮނުވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި މިކަމަށް މަގުފަހިކުރުމަށް މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގައުމުގައި ތިބި ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކެއަރޕެކޭޖް ފޮނުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް އެފެއަރޒް މިނިސްޓްރީ، އެމް.އޭ.ސީ.އެލް، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިމަސައްކަތް ހިނގަމުން ދިޔަ ގޮތް ފޮރިން މިނިސްޓަރ ޝާހިދު ވަރަށް ގާތުން ބައްލަވާފައިވާ ކަމަށްވެސް ބުންޏެވެ.
އެ މިނިސްޓްރީން ވަނީ ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށްވެސް މީގެކުރިން ކެއަރ ޕެކޭޖްތައް ފޮނުވާފައެވެ.
