މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ޕްރިޒަން ކްލަބު މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޓީމް ފެނަކަ އިން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
އާރްއާރްސީ އިން 7-2 އިން ކްލަބް ޓީއެމްއޭ ބަލިކުރިއިރު ކްލަބް ފެން އަތުން ޕްރިޒަން ކްލަބު ވަނީ 6-4 އިން މޮޅުވެފައެވެ. ފެނަކަ އިން ވަނީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މީޑިއާނެޓް ބަލިކޮށްފައެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ފެނަކަ އިންނެވެ. ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އީރާން ކުޅުންތެރިޔާ، މައްސޫދު މާޖިދު ފަލާހީ އެވެ. އޭގެ ތިން މިނެޓުފަހުން މީޑިއާނެޓަށް އެއްވަރުކޮށްދިނީ މުޙައްމަދު ސަމީހު އެވެ. އެކަމަކު، އޭގެ މިނެޓެއްގެ ތެރޭގައި މައްސޫދު ވަނީ ފެނަކަ އަށް އަލުން ލީޑްނަގައިދީފައެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފު ނިމުމުގެ ކުރީން ހާޒިމް ފައުޒީ (ހަތީ) ވަނީ ފެނަކަ އަށް ލީޑް ފުޅާކޮށްދީފައެވެ.
މި މެޗުގައި ފެނަކަ އިން ޖެހި ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދީ މައްސޫދު ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި އޭގެފަހުން. ފަސް މިނެޓުތެރޭގައި އޭނާ ވަނީ އިތުރު ދެ ލަނޑުޖަހައިފައެވެ. ފެނަކައިގެ އަނެއް ދެ ލަނޑުޖަހައިދިނީ މުޙައްމަދު އިންޝާލް އާއި މުޙައްމަދު އިޔާދު އަލީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެނަކަ ޓީމްގެ މައްސޫދު އެވެ.
2021 ވަނަ އަހަރުގެ ޗެމްޕިއަން އާރްއާރްސީ އިން ކްލަބް ޓީއެމްއޭ ކޮޅަށް ވައްދާލި ހަތް ލަނޑުގެ ތެރެއިން ހުސައިން ގައްސާން ލަބީބު ހެޓްރިކެއް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަބްދުﷲ މިދުހަތު ހިލްމީ (ބިޗަޑް)، އަބްދުﷲ ޔާމީން (ޔާން)، ހިސާމް ސަލީމް (ކޮކީ) އާއި އިބްރާހިމް އަސްވަދު (ގަބޭ) އެވެ. ޓީއެމްއޭގެ ލަނޑުތައް ޖެހީ އަހުމަދު ވާފިރު އާއި އުސައިރާމް މުޙައްމަދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އާރްއާރްސީގެ ގައްސާން އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ޕްރިޒަން ކްލަބާއި ފެން ބައްދަލުކުރި މެޗުގައި ޕްރިޒަންގެ މުޙައްމަދު ޝާއިން ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަހުމަދު ހުޝާމް އާއި ޝަނާން ރަޝާދު އަދި މުރުތަޖާ މުޙައްމަދު އެވެ. ކްލަބް ފެންގެ ލަނޑުތައް ޖެހީ އަހުމަދު މާޒިން، އަހުމަދު ރައްޔާން އާއި ސޮލާހު އަލީ އަދި ރައްޒާން ޖައުފަރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރިޒަންގެ އަހުމަދު ހުޝާމް އެވެ.
ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގައި ރޭ އެޗްޕީއެސްއެން ވަނީ 3-1 ގެ ނަތީޖާއަކުން ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބު އަތުން މޮޅުވެފައެވެ.
