މާމުޔަކީ އިންސާނީ ތާރީޚުގައި ކާތަކެތި ފޮނިކުރުމަށް އެންމެ ފުރަތަމަ ބޭނުންކުރެވުނު އެކައްޗެވެ. 19 ވަނަ ޤަރުނާއި ހަމައަށް ހަކުރަކީ އާދައިގެ މީހަކަށް ގަނެވޭ ވަރަށްވުރެ އަގުބޮޑު އެއްޗެކެވެ. އެހެންކަމުން ގިނަ ބަޔަކު އެމީހުންގެ ކެއުމުގައި މާމުއި ހިމެނިއެވެ. އަދި އެކިބަލިތަކަށް ފަރުވާކުރުމަށް އަޔުރްވެދިކް ޑޮކްޓަރުން ބޭނުންކުރާ ވަރަށް މުހިއްމު އެއްޗަކަށް ވެސް މާމުއި ވަނީ ވެފައެވެ. އެންމެ ފުރަތަމަ މާމުއި ބޭނުން ކުރެވެން ފެށީ އަދި އަޔުރްވެދިކް ފަރުވާ އެންމެ އާންމުވެފައިވަނީ އޭޝިޔާގައެވެ. މާމުއިގައި އެންޓިބެކްޓީރިއަލް، އެންޓިއޮކްސިޑެންޓް އަދި އެންޓިވައިރަލްގެ މާއްދާތައް ހިމެނެއެވެ. މިއީ ރޯގާ އަދި ސައިނަސްއަށް ފަރުވާ ކުރުމަށް ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ. އެހެންކަމުން އެންމެ ރަގަޅު ގޮތުގައި މާމުއި ބޭނުން ކުރުމަށް އަޔުރްވެދިކް ޑޮކްޓަރުންގެ އިރުޝާދު މުހިންމެވެ.
އަޔުރެވްދިކް ޑޮކްޓަރުން އިރުޝާދުދޭ ގޮތުގައި މާމުއި ކައްކާ ނުވަތަ ހޫނު އެއްޗަކާ އެއްކޮށްގެން ނުވާނެއެވެ. ސަބަބެއް ކަމަށް ބުނަނީ 42 ޑިގްރީ ސެންޓިގްރޭޑަށްވުރެ ހޫނުމިން މަތި އެއްޗަކަށް މާމުއި އެއްކުރުމުން އޭގައި ހުންނަ އެޓޮމްތަކުގެ ފަރުމާ ހަލާކުވެ، ހަޖަމް ކުރަން އުނދަގޫ އެއްޗަކަށް ބަދަލުވެގެން ދިއުމެވެ. އަދި މާމުއިގައި ހިމެނޭ ފައިދާހުރި އެތައް ބައިތަކެއް ނެތިގެން ދާކަމަށް ވެސް ޑޮކްޓަރުން ފާހަގަ ކުރެއެވެ. އެހެންކަމުން ގުދުރަތީ އެއްޗަކުން ބުއިންތައް ފޮނިކުރަން ބޭނުންނަމަ މާމުއި އެއްކުރަން ވީއެވެ. ނަމަވެސް އެ ބުއިމުގެ ހޫނުކަށް ކުޑަވެ ތާފަނަކަމަށް ބަދަލުވީމައެވެ. އެހެން ނޫންނަމަ ޑޮކްޓަރުންގެ ބަހުރުވައިން ނަމަ އެއީ ވިހައެވެ.
އެންމެ ރަގަޅު ގޮތަކީ އެއްވެސް ގޮތެއް ނުހަދާ ހުންނަ ރޯ މާމުއި ބޭނުން ކުރުމެވެ. ނަމަވެސް އެއީ ފަސޭހައިން ލިބެނޭ އެއްޗެއް ނޫނެވެ. މިހާރުގެ ސިއްޙީ މާހިރުން އިރުޝާދުދެނީ ހަޖަމްކުރުން ފަސޭހަކުރުމާއި ބަރުދަލް ލުއިކުރުމަށްވެސް ހުސްބަނޑާހުރެ ތާފަނާފެނުގައި މާމުޔާއި ލުނބޯ ހުތް ގިރައިގެން ބުއިމަށެވެ. ނަމަވެސް މާމުއި ކެއްކުއް އެއީ ރައްކާތެރިކަމެއް ނޫންކަމަށް ގިނަ ޞިއްޙީމާހިރުން އެއްބަސްވެއެވެ. ދުލުކުރީގައި ޖައްސާލުމުން ފަސޭހައިން ބޯލެވޭވަރަށް ހިހޫވުމުން މާމުއި އެއްކުރަންވީއެވެ.
މާމުޔާއި ގުޅޭގޮތުން ހުރިހާ ޑޮކްޓަރުންވެސް އިއްތިފާޤުވާ އެއްކަމެއް ވެއެވެ. އެއީ އެއް އަހަރުނުވާ ކުޑަކުދިންނަށް މާމުއި ދިނުން ރައްކާތެރި ނޫންކަމަށެވެ. ސަބަބަކީ މާމުއިގައި ހިމެނޭ ބެކްޓީރިއާއެއް ކަމަށްވާ ކްލޮސްޓްރިޑިއަމް ބޮޓުލިނަމްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ބޮޓުލިޒަމް ޖެހުމުގުގެ ނުރައްކާ ބޮޑުވުމެވެ. ބޮޓުލިޒަމް ޖެހުމުން އެންމެ ފުރަތަމަ ގައިގެ ވަރުދެރަވެ، ލޮލުގެ ފެނުން ފުސްވެ ވާހަކަ ދައްކަން އުނދަގޫވާނެއެވެ. ދެން އަތާއި މޭ އަދި ފައިގެ މަސްތަކުގެ ބާރުދަށްވެ ހަރަކާތްކުރަން އުނދަގޫވާނެއެވެ.
