މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުތަކުން ޖަރުމަނާއި، ބްރެޒިލުން ފަސޭހަކަމާއެކު މޮޅުވިއިރު، އާޖެންޓީނާ އަތުން އިޓަލީ މޮޅުވެއްޖެއެވެ.
ޖަރުމަނުން ވަނީ 6-0 އިން މޮރޮކޯ ބަލިކޮށްފައެވެ. ޕެނަމާ އަތުން 4-0 އިން ބްރެޒިލް މޮޅުވިއިރު، އާޖެންޓީނާ އަތުން އިޓަލީ މޮޅުވީ 1-0 އިންނެވެ.
މެލްބަން ރެކްޓޭންގިއުލާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަރުމަނުން ލީޑްނެގީ 11 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން އެލެކްސެންޑްރާ ޕޮޕް ވައްދާލި ލަނޑުންނެވެ. އެ ޓީމުގެ ކެތުރިން ހެންޑްރިކް ނެގި ހުރަހަކުން ލިބުނު މި ބޯޅަ ޕޮޕް ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ. އޭގެފަހުން، މެޗުގެ 39 ވަނަ މިނެޓުގައި ޕޮޕް ބޮލުން ވައްދާލި އަނެއް ގޯލާއެކު ޖަރުމަނުން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ސިކުންތުކޮޅެއްގެ ތެރޭގައި ޖަރުމަނުގެ ތިންވަނަ ލަނޑުޖަހައިދިނީ ކްލާރާ ބޫލް އެވެ. އަދި އޭގެފަހުން، މެޗުގެ 54 އާއި 79 ވަނަ މިނެޓުގައި މޮރޮކޯގެ ހަނާން އައިތު އެލް ހައްޖު އާއި ޔާސްމިން ރާބެތު އަތުން ބައިކޮޅަށް ވަތް ލަނޑުތަކާއެކު ޖަރުމަނުން ލީޑް އިތުރަށް ފުޅާކުރިއެވެ. މި މެޗުގައި ޖަރުމަނުން ޖެހި ފަހު ލަނޑު، ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލެއާ ޝުލާރ އެވެ.
އޮސްޓްރޭލިއާގެ އަޑެލައިޑްގައި ހުންނަ ހިންޑްމާޝް ސްޓޭޑިއަމްގައި މި މުބާރާތުގެ ގްރޫޕް އެފްގައި ހިމެނޭ ދެކުނު އެމެރިކާ އަށް ނިސްބަތްވާ ބްރެޒިލުން ވަނީ އުތުރު އެމެރިކާގެ ޕެނަމާ ކޮޅަށް ފުރަތަމަ ހާފުގައި ދެ ލަނޑުޖަހާފައެވެ. މި މެޗުގައި ބްރެޒިލުން ޖެހި ހަތަރު ލަނޑުގެ ތެރެއިން އަރީ ބޯޖެސް ވަނީ ހެޓްރިކް ހަދާފައެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ބިއާ ޒަނެރާޓޯ އެވެ. މި މެޗުގައި ޖެހި ތިން ގޯލާއެކު ބޯޖެސް ވަނީ ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކް ހެދި ބްރެޒިލަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މި ގްރޫޕުގައި އިއްޔެ ކުޅުނު މެޗުން ފްރާންސާ ޖެމެއިކާ 0-0 އިން އެއްވަރުވުމުން ތާވަލްގެ އެންމެ ކުރީގައި އޮތީ ތިން ޕޮއިންޓާއެކު ބްރެޒިލެވެ. ދެވަނައިގައި އެއް ޕޮއިންޓާއެކު ފްރާންސާއި، ޖެމެއިކާ އޮތްއިރު އެންމެ ފުލުގައި އޮތް ޕެނަމާ އަށް ޕޮއިންޓެއް ނުލިބެއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި ގްރޫޕް ޖީ ގައި ހިމެނޭ އާޖެންޓީނާ އަތުން އިޓަލީ މޮޅުވީ ފަހުވަގުތުގައި ކާމިޔާބުކުރި ލަނޑުންނެވެ. އެ ޓީމު މޮޅުވި ލަނޑު، 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނާ ޖިރެއްލީ އެވެ. ޖިރެއްލީ، 33، ކުޅެން ނިކުތީ 83 ވަނަ މިނެޓުގައެވެ. މި ގޯލަކީ އިޓަލީ އަށް ޖިރުއްލީ ޖަހައިދިން 54 ވަނަ ލަނޑެވެ. 2019 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ ތިން ލަނޑުޖަހައިފައެވެ.
މި މެޗަކީ އަންހެނުންގެ ވޯލްޑް ކަޕްގެ ތާރީޚުގައި އާޖެންޓީނާ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު 10 ވަނަ މެޗެވެ. އަދި މިއީ އެ ޓީމުން ވޯލްޑް ކަޕްގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ.
މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި އިއްޔެ ކުޅުނު މެޗުން ސްވިޑެން ވަނީ 2-1 އިން ދެކުނު އެފްރިކާ ބަލިކޮށްފައެވެ.
