ޑިމާންޑު ބޮޑުވެ، މޯލްޑިވިއަންގެ ދަތުރުތައް ދެ މަންޒިލަކަށް އިތުރުކުރަން ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ ޑިމާންޑުބޮޑުވެފައިވާތީ ނ. މާފަރާއި ޅ. މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ދަތުރުތައް އިތުރުކޮށްފައިވަނީ ޖުލައި 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެ ކުންފުނިން ބުނީ މާލެއިން ސީދާ މާފަރަށް އަދި މާފަރުން މާލެއަށް އާދެވޭގޮތަށް ޑައިރެކްޓްކޮށް ކޮންމެ ދުވަހަކު ވެސް ދަތުރުކުރާނެކަމަށާއި މާލެއިން މަޑިވަރަށް، އަދި މަޑިވަރުން މާފަރަށްގޮސް މާލެ އާދެވޭގޮތަށް ވެސް ދަތުރުތަކެއް ބާއްވާނެ ކަމަށެވެ.
އެ އެއަރލައިނުން މިވަގުތު މި ދެ މަންޒިލަށްވެސް ކުރަނީ ދުވާލަކު 1 ދަތުރެވެ.
މޯލްޑިވިއަނުން އަބަދު ވެސް ޑިމާންޑަށް ބެލުމަށްފަހު މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވަމުން އަންނައިރު، ޢީދާއި އަދި ޗުއްޓީ ބަންދާއި ދިމާކޮށް ވެސް ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް މަންޒިލްތަކަށް އިތުރު ފްލައިޓްތައް ވަނީ ބާއްވާފައެވެ.
މޯލްޑިވިއަނުން ބުނީ މިހާރު ވެސް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
އެހެންކަމުން ޑިމާންޑް އިތުރުވަމުންދާ މަންޒިލްތަކަށް އިތުރު ދަތުރުތައް ބާއްވަމުންދާ ކަމަށް ވެސް ބުނެއެވެ.
