މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އަލަށް ވާދަކުރަމުން އަންނަ ކްރޮސްރޯޑްސް މޯލްޑިވްސް އިން ކުޅުނު ދެވަނަ މެޗުން މޮޅުވެ ގްރޫޕް ޖީ ގެ އެއްވަނަ މަގާމަށް ޖެހިލިއިރު، ގްރޫޕް އެޗްގައި ހިމެނޭ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން ވަނީ ފުރަތަމަ މޮޅު ހޯދާފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމް ފެނަކައާ އެއް ގްރޫޕެއްގައި އޮތް ކްރޮސްރޯޑްސް އިން ވަނީ ފުރަތަމަ މެޗުގައި 3-2 އިން މީޑިއާނެޓް އަތުން މޮޅުވެފައެވެ. އެއަށްފަހު އިއްޔެ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-0 އިން އޭވިއޭޝަން ސެކިއުރިޓީ ބަލިކޮށްފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ފެނަކަ އެވެ. އެއް ޕޮއިންޓާއެކު ތިނެއްގައި އޭވިއޭޝަން ސެކިއުރިޓީ އޮތްއިރު، އެންމެ ފުލުގައި އުޅޭ މީޑިއާނެޓަށް ޕޮއިންޓެއް ނުލިބެއެވެ. މި ގްރޫޕުގައި ކްރޮސްރޯޑްސް އަށް ދެން އޮތީ ފެނަކައާ ދެކޮޅަށް ކުޅޭ މެޗެވެ. 

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ކްރޮސްރޯޑްސްގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ޒާހީ އާއި އަހުމަދު މަޝީދު އެވެ. މި މެޗުގައި އެ ޓީމުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރޮސްރޯޑްސްގެ މުޙައްމަދު ސުނައިޒް އެވެ.

ގްރޫޕް އެޗްގައި ހިމެނޭ ޔޫރޯ މާކެޓިންގ ކޮޅަށް ކަސްޓަމްސް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖެހީ މައުފޫޒް އާދަމް އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އިބްރާހިމް ހާމިދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަސްޓަމްސްގެ މައުފޫޒް އެވެ.

ކްލަބް މޯލްޑިވްސް ކްލަސިކްގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު ޕްރެޒިޑެންޓް އޮފީސް ސޯޝަލް ކްލަބު އަތުން ކްލަބް 220 މޮޅުވީ 5-2 އިންނެވެ. ޓީމް ޑީޖޭއޭ އިން 6-1 ގެ ނަތީޖާއަކުން ތައުލީމީ ގުޅުން ބަލިކުރިއިރު، އައިޖީއެމްއެޗް ކްލަބް އަތުން ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް މޮޅުވީ 4-2 އިންނެވެ. މެޓް އޮފީސް އަތުން 11-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓީމު ބަދަހި ވަނީ މޮޅުވެފައެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުތަކުގެ ތެރޭގައި؛ އޮޑިޓާ ޖެނެރަލް ރެކްރިއޭޝަން ކްލަބާއި ހަޔާ އެޑިއުކޭޝަން ބައްދަލުކުރާއިރު ފެހިފަހި ކްލަބު ނިކުންނާނީ މީރާ ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. އެމްއެމްއޭ ސޯޝަލް ކްލަބުން އުމްރާނީ ކްލަބާ ދެކޮޅަށް ކުޅޭއިރު އޭސީސީ ރެކްރިއޭޝަން ކްލަބު ނިކުންނާނީ ޓީމް ޕެމާއާ ދެކޮޅަށެވެ.