މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ނިއުޒީލެންޑްގެ މައްޗަށް 1-0 އިން ފިލިޕީންސް ކުރިހޯދިއިރު، ދެކުނު ކޮރެއާ އަތުން ކޮލަމްބިއާ މޮޅުވީ ވެސް 1-0 އިންނެވެ.
މިއީ މިފަހަރުގެ މުބާރާތުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ފިލިޕީންސް އިން ވޯލްޑް ކަޕްގެ ތާރީޚުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި އެ ޓީމަކީ މި ފަހަރުގެ މުބާރާތުގައި އަލަށް ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ލަނޑުޖެހި ޓީމު ވެސް މެއެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި ސްވިޒަލެންޑް އަތުން ބަލިވީ 2-0 އިންނެވެ. މިއަދުގެ މެޗަށް ނިކުތް ނިއުޒީލެންޑުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 1-0 އިން ނޯވޭ ބަލިކޮށްފައެވެ.
ވެލިންޓަންގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 24 ވަނަ މިނެޓުގައި ފިލިޕީންސަށް ކާމިޔާބުކޮށްދިނީ ސަރީނާ ބޯލްޑެން އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ސާރާ އެގެސްވިކް ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ފިލިޕީންސްގެ ތާރީޚުގައި ވޯލްޑް ކަޕްގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ނިއުޒީލެންޑްގެ ޖެކީ ހޭންޑް ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ ޖެކީ ހޭންޑަށް އެ ބޯޅަ ލިބުމުގެ ކުރީން ހެނާ ވިލްކިންސަން އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ. ހޭންޑް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ވިލްކިންސަށް އެ ޓީމުގެ އަލީ ރައިލީ ދިން ޕާހެއް އޭނާ ބޮލުން ޖައްސާލުމުންނެވެ.
އޭގެކުރީން، ނިއުޒީލެންޑުން ލަނޑެއް ޖަހަން ކުރި މަސައްކަތުގެ ތެރެއިން ޖެކީ ހޭންޑް ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ވިލްކިންސަން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި ކޮލަމްބިއާ އިން ކޮރެއާ ކޮޅަށް ވައްދާލި ދެ ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. ކޮލަމްބިއާގެ ފުރަތަމަ ލަނޑަކީ ޕެނަލްޓީއަކުން ކެޓަލީނާ އުސްމޭ ކާމިޔާބުކުރި ގޯލެކެވެ. އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ލިންޑާ ކައިސޭޑޯ އެވެ.
މި މެޗުގެ ފަހު ހާފުގައި ކުޅެން ނިކުތް ކޮރެއާގެ ކޭސީ ފޭއާ ވަނީ ވިމެންސް ވޯލްޑް ކަޕްގެ ތާރީޚުގައި މެޗެއް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތްއިރު ފޭއާގެ އުމުރަކީ 16 އަހަރާއި 26 ދުވަހެވެ.
