ސައުދީ އަރަބިއްޔާގެ ކްލަބުތަކުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު ހޭދައެއް ކުރަމުންއައި ނަމަވެސް އެކަމާ މެދު "މާ ކަންބޮޑު ނުވާ" ކަމަށް ޕްރިމިއާ ލީގުގެ ޗީފް، ރިޗަޑް މާސްޓާސް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ޕްރިމިއާ ލީގުން މިހާރު އޮތް މަގާމަށް (ކާމިޔާބު ލީގަކަށް) އައުމަށް ނެގި ވަގުތަށް އިޝާރާތްކޮށްފައެވެ.
އެގޮތުން، މާސްޓާސް ބުނީ، ސައުދީ ޕްރޯ ލީގުގެ އަމާޒަކީ ވީއެންމެ އަވަހަކަށް ވާދަވެރި، ވަރުގަދަ ލީގަކަށްވުން ކަމަށާއި، ނަމަވެސް އެ އަމާޒަށް ވާސިލްވުމަކީ ދިގު މުއްދަތެއްގެ ތެރޭގައި ހާސިލްކުރަން ބޭނުންވާނެ ލަނޑުދަނޑިއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ސައުދީ ޕްރޯ ލީގުން ދެކޭ ހުވަފެނަކީ 2030 ގެ ނިޔަލަށް އެ ލީގަކީ ދުނިޔޭގެ އެންމެ ގަދަ 10 ލީގު ތެރޭގައި ހިމެނުން." ބީބީސީ އަށް ދިން އިންޓަވިއުއެއްގައި މާސްޓާސް ބުންޏެވެ.
މާސްޓާސް އިތުރަށް ބުނީ، ކުޅުންތެރިންނާއި މެނޭޖަރުންނަށް އިންވެސްޓްކޮށްގެން އެ ގައުމުގެ ލީގާއި، ކްލަބުތަކުގެ ޕްރޮފައިލް މިހާރަށްވުރެ މަތި ކުރުމަށް ސައުދީ އަރަބިއްޔާ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަހަރެމެންގެ ލީގު މިހާރު މި އޮތް ހިސާބަށް ވާދަވެރިކަމާއި، ޕްރޮފައިލް އަދި އާމްދަނީގެ ގޮތުން މިއާދެވުނީ ތިރީހަކަށް އަހަރުގެ ތެރޭގަ،"
"އަހަރެންގެ މިވަގުތު މާބޮޑު ކަންބޮޑުވުމެއް ނެތް، އެއީ އެހެން ލީގުތަކާ އެއްވަރަށް އެމީހުންނަށް ވެސް ލިބިފައި އޮތް ހައްޤެއް ކުޅުންތެރިން ގަތުމަކީ." ސައުދީގެ ކްލަބުތަކުން ބޮޑު ހޭދައެއް ކުރަމުންދާތީވެ، އެކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން މާސްޓާސް ބުންޏެވެ.
ނިންމާލަމުން މާސްޓާސް ވަނީ، އާޚިރުގައި ޕްރިމިއާ ލީގަކީ އާމްދަނީގެ ގޮތުގައި އަހަރަކު ހަ ބިލިއަން ޕައުންޑް ލިބެމުން އަންނަ ލީގެއް ކަމަށާއި، ދަނޑުމަތީގައި ލީގުގެ މެޗުތަކުން އެ ފެންނަ ވާދަވެރިކަން ގެނައުމަށް އެ ފައިސާ ހޭދަކުރެވޭ ކަމަށާއި، ކޮންމެ ބޮޑު މުބާރާތެއް ވެސް އެންމެ ރަނގަޅަށް ކުރިއަށްގެންދިއުމަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށް ބުނެފައެވެ.
މިހާތަނަށްއައިއިރު ސައުދީގެ ކްލަބުތަކުން ވަނީ ދުނިޔޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ކަމަށްވާ ކަރީމް ބެންޒެމާ، ރުބެން ނެވޭސް، އެންގޯލޯ ކާންޓޭ ފަދަ ތަރިންގެ ސޮއި ހޯދައި، ކުރީން އެ ލީގުގައި ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު މިވަގުތު އެ ގައުމުގައި ތިބި ތަރިންގެ ލިސްޓަށް ފުރިހަމަކަން ގެނެސްފައެވެ.
މީގެއިތުރުން، ދާދިފަހުން ޕީއެސްޖީގެ ފްރާންސް ފޯވާޑް، ކިލިއަން އެމްބާޕޭގެ ސޮއި ހޯދުމަށް އަލް ހިލާލް އިން 300 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅާފައިވުމަކީ ސައުދީ ކުލަބުތަކުން ކުރަމުން އަންނަ ހަރަދުތައް މަޑުޖައްސާލަން ބޭނުންނުވާ ކަމުގެ ހެއްކެކެވެ.
