ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ "އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖް 2023" މި މަހުގެ 29 ގައި ފަށަން ނިންމައިފިއެވެ.

އަތޮޅުގެ ހުރިހާ ރަށެއްގެ  މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫޚު އާލާކުރުމަށް މިލަދޫ ޔޫތު މޫވްމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ މި މުބާރާތް ބާއްވާ މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިލަދޫ ސަސްޕަޓިސް އެވެ. 

މި ޖުލައި މަހުގެ 29 އިން އޮގަސްޓް 5 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިލަދޫގެ އިތުރުން މަގޫދޫ، މަނަދޫ، ޅޮހި އަދި ކުޑަފަރިން ބައިވެރިވެފައިވެއެވެ. 

މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރިވެފައިވެއެވެ. މި ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ ގައި ހިމެނެނީ؛ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ބްލަޑްޒް އެސްސީ، ޔުނައިޓެޑް އީސްޓް ކޯސްޓް އާއި މަނަދޫ އެފްޓީ އަދި ވިޔަރި ބޯޅަ ޓީމެވެ. ގްރޫޕް ބީ ގައި ހިމެނޭ ތިން ޓީމަކީ؛ އިންވޭޑާސް އާއި ފެލްކަންސް އަދި މާފާ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. (ތިރީސް ހާސް ރުފިޔާ) އާއި ޗެމްޕިއަން ޓްރޮފީގެ އިތުރުން ރަން މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމަކީ 10،000ރ. (ދިހަ ހާސް ރުފިޔާ) އެވެ. 

"އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖް 2023" މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މުބާރާތުގެ ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ކަނޑައަޅާފައިވާއިރު،  ބްރޯންޒް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެލީޓްސް ލޯ އެސޯސިއޭޓްސް އެލްއެލްޕީ އާއި މިލަދޫ ކައުންސިލްގެ އިދާރާ އެވެ. 

މުބާރާތުގެ އިތުރު ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު؛ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ތީރު މީޑިއާ، ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓްލައިން، އޮފިޝަލް ކިޓް ޕާޓްނަރުގެ ގޮތުގައި ޕްރިންޓް ކޯ، ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ޓެކްޓްރޯނިކްސް އެމްވީ، ވުޑްގޭޓް ރެސްޓޯރަންޓް،  އާއި ޗާއީވާލާ މިލަދޫ އަދި ޒީޓާ ޕާފިއުމް ހިމެނެއެވެ.