މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ، ޖަޕާނާއި ސްޕެއިނުން އެ މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދިއިރު، ދެވަނަ މެޗުން ވެސް ބަލިވެ ރިޕަބްލިކް އޮފް އަޔާލެންޑުން މުބާރާތުން ކަޓައިފިއެވެ.

ސްޕެއިނުން 5-0 އިން ޒެމްބިއާ އަތުން ވަނީ މޮޅުވެފައެވެ. ކޮސްޓަ ރީކާ އަތުން ޖަޕާނުން މޮޅުވީ 2-0 އިންނެވެ. ކެނެޑާ އަތުން އަޔާލެންޑް ބަލިވީ 2-1 އިންނެވެ.

ގްރޫޕް ސީ ގައި ހިމެނޭ ސްޕެއިނާއި، ޖަޕާނަށް މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ނޮކްއައުޓް ބުރުން ވަނީ ޖާގަ ކަށަވަރުވެފައެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އުޅޭ ދެ ޓީމު ކަމަށްވާ ކޮސްޓަ ރީކާ އާއި ޒެމްބިއާ އަށް ޕޮއިންޓެއް ނުލިބެއެވެ.

ކޮސްޓަ ރިކާއާ ޖަޕާން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އޯކްލޭންޑް ސިޓީގައި ހުންނަ އެޑެން ޕާކްގައި ކުޅުނު މެޗުގައި ސްޕެއިނުން ލީޑްނެގީ ނުވަވަނަ މިނެޓުގައި ތެރޭސާ އަބެލެއިރާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ހަތަރު މިނެޓުފަހުން، ޖެނިފާ ހާމޯސާ ވައްދާލި ލަނޑާއެކު އެ ޓީމުން ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ. 

ސްޕެއިނުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 69 ވަނަ މިނެޓުގައި އަލްބާ ރެޑޮންޑޯ ކާމިޔާބުކޮށްދިންއިރު އޭގެ މިނެޓެއް ފަހުން ހާމޯސާ ވަނީ އެ ޓީމުގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. މިއީ ސްޕެއިނަށް އޭނާ ކުޅެދިން 100 މެޗުގައި އޭނާ ޖެހި 50 ވަނަ ގޯލެވެ. އަދި އޭގެފަހުން، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ސްޕެއިނުގެ ފަހު ލަނޑުޖަހައިދިނީ ރެޑޮންޑޯ އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި  ޖަޕާނުން ވަނީ ކޮސްޓަ ރިކާ ކޮޅަށް ފުރަތަމަ ހާފުގައި ވައްދާލި ދެ ލަނޑާއެކު މުހިއްމު މޮޅެއް ހޯދާފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ހިކާރޫ ނައޮމޯޓޯ އާއި އައޯބާ ފުޖީނޯ އެވެ.

މެޗަށްފަހު އަޔާލެންޑްގެ ކެޕްޓަން ކޭޓީ މެކްކެބީ (މ) މާޔޫސްވެގެން އިށީނދެގެން. --ފޮޓޯ: ރޮއިޓާސް

މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި ގްރޫޕް ބީ ގައި ހިމެނޭ އަޔާލެންޑުން ލަނޑެއްޖަހާފައިވަނިކޮށް ކެނެޑާ އިން ވަނީ ފަހަތުންއަރައި މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އަޔާލެންޑުން ލީޑްނެގީ އެ ޓީމުގެ ކެޕްޓަން ކޭޓީ މެކްކެބީ ވައްދާލި ހިތްގައިމު ލަނޑުންނެވެ. މެކްކެބީ، ކަނާތް ފަރާތުން ނެގި ކޯނަރު ވަނީ އޮއްސިގެން ގޮސް ގޯލްގެ ތެރެއަށް ވަދެފައެވެ.

ކެނެޑާ އިން އެއްވަރުކުރި ލަނޑަކީ، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އަޔާލެންޑްގެ މޭގަން ކޮނަލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އޭގެފަހުން، ދެވަނަ ހާފުގެ ކުރީކޮޅު ކެނެޑާ މޮޅުވި ލަނޑުޖަހައިިދިނީ އެޑްރިއާނީ ލިއޮން އެވެ.

 މުބާރާތުގެ ގްރޫޕް ބީ ގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ކެނެޑާ އަށް ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އޮސްޓްރޭލިއާ އެވެ. ނައިޖީރިއާ އެއް ޕޮއިންޓާއެކު ތިނެއްގައި އޮތްއިރު، އަޔާލެންޑް އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ. އެ ޓީމުން މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެ، ވަނީ މުބާރާތުން ކަޓައިފައެވެ.