މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިން އިތުރު ޤައުމީ ރެކޯޑްތަކެއް ޤާއިމްކޮށްފިއެވެ.
ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ފިރިހެނުންގެ ލޯންގކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯޑް މުޙައްމަދު ރިޙާން ޝިހާމް ވަނީ އައުކޮށްފައެވެ. މި މުބާރާތުގައި ރިޙާން މި އިވެންޓު ފުރިހަމަކޮށްފައި ވަނީ 02.32.93 އިންނެވެ.
މި ރެކޯޑް އެންމެ ފަހުން އޮތީ ވެސް ރިޙާން އަތުގަ އެވެ. އެއީ 2022 ވަނަ އަހަރު ބޭއްވުނު 8 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ޗެމްޕިއަންޝިޕްސްގައި 200 މީޓަރ ބަޓަރފްލައި އިވެންޓު 02.34.06 އިން ނިންމައިގެން ހެދި ރެކޯޑެކެވެ.
ލޯންގކޯސް 4 ގުނަ 100 މީޓަރ މިކްސްޑް މެޑްލޭ ރިލޭގެ ޤައުމީ ރެކޯޑް ވެސް ގައުމީ ޓީމުން ވަނީ އައުކޮށްފައެވެ. މި ރެކޯޑް ދިވެހި ޓީމުން އައުކޮށްފައިވަނީ 04.50.64 އިން ރޭސް ނިންމައިގެންނެވެ. ރެކޯޑް އައުކުރި ޓީމުގައި ހިމެނެނީ ޢަލީ އިމްޢާން، ޙަމްނާ އަޙްމަދު، ރިޙާން އަދި މިރާލް ޢައިން ލަތީފް އެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑް އެންމެފަހުން އައުކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 04.56.79 އިން ރޭސް ނިންމައިގެންނެވެ. އެފަހަރުގެ ރެކޯޑް އައުކުރި ޓީމުގައި ހިމެނެނީ ޢަލީ އިމްޢާން ގެ އިތުރުން އައިޝަތު ސައުސަން، އައިޝަތު ސާޖިނާ އަދި މުބާލް ޢައްޒާމް އިބްރާޙީމެވެ.
މީގެއިތުރުން، މި މުބާރާތުގައި އިއްޔެ ކުރިއަށްދިޔަ އަންހެނުންގެ ލޯންގކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯޑް ހަމްނާ އައުކުރިއިރު، ފިރިހެނުންގެ ލޯންގކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯޑް އިމްޢާން ވަނީ އައުކޮށްފައެވެ.
