މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރި ދެ ޓީމުގެ މެޗުން އެމެރިކާއާ ނެދަލެންޑްސް 1-1 އިން އެއްވަރުވިއިރު، އޮސްޓްރޭލިއާ އަތުން 2-3 އިން ނައިޖީރިއާ މޮޅުވެއްޖެއެވެ.
2019 ވަނަ އަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފައިނަލްގައި އެމެރިކާ އިން ވަނީ 2-0 އިން ނެދަލެންޑްސް ބަލިކޮށްފައެވެ.
ވެލިންޓަންގައި ހުންނަ ވެލިންޓަން ރީޖަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން 17 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ނެދަލެންޑްސް އިންނެވެ. ވިކްޓޯރިއާ ޕެލޯވާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިލް ރޫޑް އެވެ. މިއީ 2015 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ އިން ލަނޑުޖެހި ފަހުން އެމެރިކާ ކޮޅަށް ވަތް ފުރަތަމަ ގޯލެވެ.
ނެދަލެންޑްސްގެ ލަނޑަށްފަހު އެ ޓީމުން ޑޮމިނޭޓްކުރަމުންދިޔައިރު މި މެޗުގެ އޮއިވަރު ބަދަލުވީ ދެވަނަ ހާފު ފެށިއިރު އަނިޔާގެ ސަބަބުން ޓީމުގެ ޑިފެންސްލައިންގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ސްޓެފަނީ ވެން ޑަ ގްރަޓް ބަދަލުކުރުމުންނެވެ. މިއާއެކު، ފަހު ހާފުގައި ރޯޒް ލަވެލް ކުޅެން ނިކުތުމުން އެމެރިކާގެ އެޓޭކްތަކާއި ސެޓްޕީސްތަކުގައި އެ ޓީމުން ދިޔައީ އިހަށްވުރެ ނުރައްކާކުރަމުންނެވެ. އެމެރިކާ އިން އެއްވަރުކުރި ލަނޑުވެސް ޖެހީ ލަވެލް ނެގި ކޯނަރަކުން ލިބުނު ބޯޅައެއް ހޮރާން ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ގްރޫޕުގެ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ވިއެޓްނާމް އަތުން ޕޯޗުގަލް މޮޅުވީ 2-0 އިންނެވެ. އެ ޓީމުން މި މެޗުގައި ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. ޕޯޗުގަލްގެ ލަނޑުތައް ޖެހީ ޓެލްމާ އެންކާނަކާއޯ އާއި ފްރާންސިސްކާ ނަޒަރެތު އެވެ.
ގްރޫޕް އޭ ގެ އެއްވަނައިގައި އެމެރިކާ އޮތީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެވެ. މި އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ދެވަނައިގައި އޮތް ނެދަލެންޑްސް އޮތްއިރު، ތިނެއްގައި އޮތް ޕޯޗުގަލް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ވިއެޓްނާމަށް ޕޮއިންޓެއް ނުލިބެއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި ގްރޫޕް ބީ ގައި ހިމެނޭ އޮސްޓްރޭލިއާ އަތުން ނައިޖީރިއާ ވަނީ ފަހަތުންއަރައި މުހިއްމު މޮޅެއް ހޯދާފައެވެ. އޮސްޓްރޭލިއާ އިން މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ސޭމް ކާ ނުކުޅެއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުވެސް އޮސްޓްރޭލިއާގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ކާ އަށް ވަނީ އަނިޔާގެ ސަބަބުން ގެއްލިފައެވެ.
ބްރިސްބަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ކުރީކޮޅު އޮސްޓްރޭލިއާގެ އެމިލީ ވެން އެގްމޮންޑް އެ ޓީމަށް ލީޑްނަގައިދީފައިވަނިކޮށް މި ހާފު ނިމުމުގެ ކުރީން އުޗެންނާ ކާނޫ ވަނީ ނައިޖީރިއާ އަށް އެއްވަރުކޮށްދީފައެވެ.
ނައިޖީރިއާ އިން ފުރަތަމަ ފަހަރަށް ލީޑްނެގީ 66 ވަނަ މިނެޓުގައި އޮސިނާޗީ އޮހާލޭ ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ހަ މިނެޓުފަހުން، އަސިސަޓް އޮޝޮއާލާ ވަނީ ނައިޖީރިއާގެ ލީޑް ފުޅާކޮށްދީފައެވެ. އޭގެފަހުން، އޮސްޓްރޭލިއާ އިން ގޯލެއް ކާމިޔާބުކުރަން ކުރި މަސައްކަތުގެ ތެރެއިން ފަހު ހާފުގެ އިތުރުވަގުތުގެ ތެރޭގައި އަލާނާ ކެނެޑީ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
