ކްލަބް މޯލްޑިވްސް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ސްޓެލްކޯ އާއި މޯލްޑިވިއަން އަދި އެފްއެސްއެމް އެ މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފިއެވެ.
ބަރޮސް މޯލްޑިވްސް އަތުން 4-2 އިން ސްޓެލްކޯ ވަނީ މޮޅުވެފައެވެ. މޯލްޑިވިއަންއާ އެމްޓީސީސީ ބައްދަލުކުރި މެޗުން 3-3 އިން އެއްވަރުވިއިރު، ޓީމް އެފްއެސްއެމް ވަނީ 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކްލަބް އާރްއޯއެލް އަތުން މޮޅުވެފައެވެ.
އިއްޔެގެ މެޗުތަކަށްފަހު ގްރޫޕް އޭގެ އެއްވަނަ ހޯދީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ސްޓެލްކޯ އިންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި މޯލްޑިވިއަން އޮތްއިރު، ތިންވަނައިގައި އޮތް އެމްޓީސީސީ އަށް ލިބުނީ ދެ ޕޮއިންޓެވެ. ފުލުގައި އޮތް ބަރޮސް މޯލްޑިވްސް އަށް ލިބިފައިވާ އެއް ޕޮއިންޓެވެ.
ގްރޫޕް ބީ ގެ އެއްވަނައަށް ދިޔައީ ކުޅުނު ތިން މެޗުން މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ވެމްކޯ އެވެ. ދެވަނައިގައި އޮތް އެފްއެސްއެމް އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިނެއްގައި އޮތް އުރީދޫ އާއި ލަނޑުގެ ތަފާތުން ފުލުގައި އޮތް އާރްއޯއެލް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ސްޓެލްކޯގެ ލަނޑުތައް ޖަހައިދިނީ ނާއިހު މުފީދު، އިބްރާހިމް ރިމާހު (ރިމޭ)، މުޙައްމަދު ވިލްފް އަދި އަހްނަފު ރަޝީދު (އަހުއްކޮ) އެވެ. ބަރޮސް މޯލްޑިވްސްގެ ދެ ލަނޑުވެސް ޖެހީ ވިޝާން ހަބީބު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ސްޓެލްކޯގެ ކެޕްޓަން ވިލްފް އެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި މޯލްޑިވިއަންގެ ގޯލްތައް ކާމިޔާބުކޮށްދިނީ ހައްފާފް ސިދުގީ އާއި އާދަމް އަޒްމީން އަދި މުޙައްމަދު އަޖުފާން އެވެ. އެމްޓީސީސީގެ ލަނޑުތައް ޖަހައިދިނީ ނައުފް މުޙައްމަދު ޖަލީލް އާއި އައްޒާމް އަލި ދީދީ އަދި އާރިފް އަހުމަދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަންގެ އަޒްމީން އެވެ.
އެފްއެސްއެމް އިން ޖެހި ނުވަ ލަނޑުގެ ތެރެއިން އަބްދުﷲ ޒިޔާން (ޖަންކީ) ހެޓްރިކެއް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ އަހުމަދު އައިހަމް (އައިހު) އާއި މުޙައްމަދު ޝާން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި، މުޙައްމަދު މަޒީން އާއި މުޙައްމަދު ނާފިއު އަހުމަދު ގޯލެކެވެ. އާރްއޯއެލްގެ ހަމައެކަނި ލަނޑުޖަހައިދިނީ ހުސައިން މިބުޝާމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެސްއެމްގެ ޒިޔާން (ޖަންކީ) އެވެ.
ވެމްކޯ އިން ރޭގެ މެޗުގައި 5-1 އިން އުރީދޫ ބަލިކުރިއިރު އެ ޓީމުގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ހެޓްރިކެއް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އާއި އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. އުރީދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ ހުސައިން ޝަރީފް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ފޭދޫ އިއްބެ އެވެ.
ކްލަބް މޯލްޑިވްސް ކްލަސިކްގައި ރޭ އޭސީސީ ރެކްރިއޭޝަން ކްލަބް އަތުން 2-1 އިން ޕެމާ ވަނީ މޮޅުވެފައެވެ. 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބު އަތުން ޓީމް ފެނަކަ ވަނީ 4-1 އިން މޮޅުވެފައެވެ.
