"ބެލާ ޗާއޯ " ނުވަތަ " ގުޑްބައި ބިއުޓިފުލް " އަކީ 19 ވަނަ ގަރުނުގައި އިޓަލީގެ މުޒާހަރާއެއްގައި ބޭނުންކުރަން ފެށުނު ލަވައެކެވެ. އިޓަލީގެ ހަނޑޫ ދަނޑު ތަކުގައި މަސައްކަތް ކުރަންޖެހިފައިވާ ދަތި ހާލުގެ ސަބަބުން އެތާގައި މަސައްކަތްކުރަމުން އައި މޮންޑީނާ މަސައްކަތްތެރިން މުޒާހަރާގައި ބޭނުންކުރަމުން އައީ މިލަވައެވެ. ދެން މިލަވަ މޮޑިފައިކުރުމަށްފަހު އެންމެ ގަދައަށް ބޭނުންކޮށްފައިވަނީ އިޓަލީގެ ހަނގުރާމައިގެ ދުވަސްވަރުގައެވެ.

2012 ވަނައަހަރުގައި މިރާގަށް ލަވަހަދައިގެން " ގްލޯބަލް ވޯރމިންގ" ނުވަތަ ދުނިޔެ ހޫނުވުމާއި ދެކޮޅަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ތިމާވެއްޓާއި ބެހޭ ލަވައެއްގެ ގޮތުގައި ބޭނުން ކުރެވުނެވެ. މީގެއިތުރުންވެސް ތަފާތު ފުޓްބޯޅަ މެޗުތަކުގައި އަދި އެކި ޓީމްތަކުންވެސް މިލަވަ ވަރަށް ގިނައިން ބޭނުންކޮށްއުޅެއެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލްގެ ސަޕޯޓަރުން ވަނީ މިލަވައިގެ ރާގަށް ލަވަ ހަދައިގެން އާޖެންޓީނާގެ ޓީމަށް ދިމާކޮށްފައެވެ.

ބްރެޒިލްގެ ރައީސްކަމަށް ކުރިމަތިލީ ކެންޑިޓޭޓް ޖެއަރ ބޮލްސޮނާރޯގެ ކެމްޕޭން ލަވަވެސް ތައްޔާރުކުރީ މިލަވައިގެ ރާގަށެވެ. އަދި 2019 ވަނަ އަހަރު ކޮލޮމްބިއާ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރިމުޒާހަރާގައިވެސް މިލަވަ ބޭނުންކުރިއެވެ.

އެއަށްފަހު ދެންމިލަވަ އެންމެބޮޑަށް މައްޝޫރުވެގެންދިޔައީ ގިނަބައެއްގެ މަގުބޫލްކަން ހޯދާފައިވާ ޓީވީ ސީރީޒް "މަނީ ހައިސްްޓް" ންނެވެ. އަދި ބައިނަލްއަގުވާމީ ދުނިޔޭގައި 2020 ވަނައަހަރު މިލަވަ އާންމުވެގެންދިޔައީ ޕެންޑަމިކްގައި  ޔޫރަޕް އަދި އިޓަލީ މީހުން ލޮކްޑައުންގައި ތިބެ އެޕަރޓްމަންޓްތަކުގެ ބެލްކަނިތަކުން މިލަވަ ކިޔަންފެށުމުންނެވެ.

ރާއްޖޭގައިވެސް ގިނަބަޔަކަށް ކަމުދާ މިލަވައިގެ ރާގަށް ލަވައެއް ތައްޔާރުކޮށް ޖެލީ ޕިއްޒާގެ އިސްތިހާރެއްގައިވެސް ވަނީ ބޭނުންކޮށްފައެވެ.

މީގެއިތުރުންވެސް އެކި ގައުމުތަކުގައި މިލަވައިގެ ރާގަށް އެކިލަވަތައް ތައްޔާރުކޮށްގެން، އިސްތިހާރުތަކުގައި އަދި ޕާޓީ ތަކުގައިވެސް ބޭނުންކޮށްފައިވެއެވެ. އަރަބި ގައުމުތަކުގެ މުޒާހަރާގައިވެސް ވަނީ މިލަވައަށް ލަވަހަދައިގެން

ބޭނުންކޮށްފައެވެ.