މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުގައި ޑެންމާކް 1-0 އިން ބަލިކޮށް، އިންގްލެންޑުން އެ މުބާރާތުގެ ގަދަ 16 އާ ގާތަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު އިންގްލެންޑް ވަނީ ގްރޫޕް ޑީ ގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް ޑެންމާކާއި، ތިނެއްގައި އޮތް ޗައިނާ އަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ހެއިޓީ އަށް ޕޮއިންޓެއް ނުލިބެއެވެ.
އިންގްލެންޑުން މި މެޗަށް ނިކުތީ އެންމެ ފަހުން ހެއިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ލޯރެން ހެމްޕް އާއި ޖެސިކާ ކާޓާގެ ބަދަލުގައި މި މެޗުގެ ފުރަތަމަ އެގާރައިގައި ފުރުޞަތު ދީފައިވަނީ ރޭޗަލް ޑޭލީ އާއި ލޯރެން ޖޭމްސް އަށެވެ.
ސިޑްނީ ފުޓްބޯލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންގްލެންޑުން ލީޑްނެގީ ހަތްވަނަ މިނެޓުގައި ލޯރެން ޖޭމްސް ވައްދާލި ލަނޑުންނެވެ. އޭނާ މި ލަނޑުޖެހީ ޑޭލީ ދިން ޕާހަކުންނެވެ.
މެޗުގެ 35 ވަނަ މިނެޓުގައި އިންގްލެންޑްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކެއިރާ ވޯލްޝް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ލައުރާ ކޫމްބްސް އެވެ.
ޑެންމާކަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ އެމަލީ ވަންގްސްގާޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މި ގްރޫޕުގެ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ޗައިނާ އިން ވަނީ 1-0 އިން ހެއިޓީ ބަލިކޮށްފައެވެ. މި މެޗުގައި ޗައިނާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ވަންގް ޝުއާންގް އެވެ. އެ ޓީމުގެ މިޑްފީލްޑަރު، ޒަންގް ރުއީ އަށް މެޗުގެ 29 ވަނަ މިނެޓުގައި ސީދާ ރަތެއް ދެއްކުމުން ބޮޑުބައި ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި އާޖެންޓީނާއާ ދެކުނު އެފްރިކާ ވަނީ 2-2 އިން އެއްވަރުވެފައެވެ. މި މެޗުގައި އާޖެންޓީނާގެ ލަނޑުތައް ޖަހައިދިނީ ސޯފިއާ ބްރައުން އާއި ރޮމީނާ ނޫނޭޒް އެވެ. ދެކުނު އެފްރިކާގެ ލަނޑުތައް ޖެހީ ލިންޑާ މޮޓްޅާލޯ އާއި ތެމްބީ ގަޓްލާނާ އެވެ.
