ކްލަބް މޯލްޑިވްސް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު އާބަންކޯ އާއި އެމްޕީއެލް އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 ގެ ބުރަށް ދަތުރުކުރިއިރު، އެމްއޭސީއެލް އާއި ގޭސް ކްލަބު އެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ޕޮލިސް ކްލަބު އަތުން 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާބަންކޯ ވަނީ މޮޅުވެފައެވެ. ކްލަބް އިމިގްރޭޝަންއާ އެމްއޭސީއެލް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ގޭސް އަތުން އެމްޕީއެލް މޮޅުވީ 6-0 އިންނެވެ.
ގްރޫޕް ޑީ ގައި ހިމެނޭ އާބަންކޯ އަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބުނުއިރު، ދެވަނައިގައި އޮތް އެމްއޭސީއެލް އާއި ތިނެއްގައި އޮތް އިމިގްރޭޝަން އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އެމްއޭސީއެލް އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ފުލުގައި އޮވެ ނިންމާލި ޕޮލިހަށް ޕޮއިންޓެއް ނުލިބެއެވެ.
އާބަންކޯ އިން ރޭގެ މެޗުގައި ޖެހި ދިހަ ލަނޑުގެ ތެރެއިން ސާމިން މުޙައްމަދު ނަސީރު ވަނީ ހެޓްރިކެއް ހަދާފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) ދެ ގޯލާއި، އަބްދުﷲ ޝައްފާން، ހުސައިން ޝަރީފް، ހުސައިން ސުހައިލް (ސޮކޭ)، ހުސައިން މިފްރާހް ވަހީދު އާއި ނާއިޒް ހަސަން (ދާދު) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާބަންކޯގެ ސާމިން އެވެ.
ގްރޫޕް ސީ ގައި ހިމެނޭ އެމްޕީއެލް އަށް ތިން މެޗުން ނުވަ ޕޮއިންޓާއެކު އެއްވަނަ ލިބިފައިވާއިރު، ދެވަނައިގައި އޮތް ގޭހަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ކްލަބް ޓީޓީއެސް އޮތީ ތިން ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އެލައިޑް އޮތީ އެއް ޕޮއިންޓާއެކު އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި އެމްޕީއެލް އިން ޖެހި ހަ ލަނޑުގެ ތެރެއިން އެ ޓީމުގެ މުޙައްމަދު ސާދު ނިޒާރު ހެޓްރިކެއް ހެދިއެވެ. މުޙައްމަދު ޔަފާއު (ޔާ) ދެ ލަނޑުޖެހިއިރު، އަނެއް ގޯލަކީ ގޭސް ކްލަބުގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އެމްޕީއެލްގެ ސާދު އެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ޓީޓީއެސް ވަނީ 5-4 އިން އެލައިޑް ބަލިކޮށްފައެވެ.
ކްލަބް މޯލްޑިވްސް ކަޕް ކްލަސިކްގައި ރޭ ކުޅުނު މެޗުގައި ޚާރިޖީ ޓީމުން 3-2 އިން ހެލްތު ރެކްރިއޭޝަން ކްލަބް ވަނީ ބަލިކޮށްފައެވެ. 18/30 ކްލަސިކްގައި އައިޖީއެމްއެޗް ކްލަބް އަތުން ޓީމް އެމްއޭސީއެލް މޮޅުވީ 7-0 އިންނެވެ.
