އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗުގައި މިރޭ ފަހަތުންއަރައި ޔުނައިޓެޑް އީސްޓް ކޯސްޓް 2-3 އިން ބަލިކޮށް، ބްލަޑްޒް.އެސްސީ އިން މޮޅަކާއެކު މުބާރާތް ފަށައިފިއެވެ.

މި ޖުލައި މަހުގެ 29 އިން އޮގަސްޓް 5 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިލަދޫގެ އިތުރުން މަގޫދޫ، މަނަދޫ، ޅޮހި އަދި ކުޑަފަރިން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރިވެފައިވެއެވެ. މި ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ ގައި ހިމެނެނީ؛ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ބްލަޑްޒް އެސްސީ، ޔުނައިޓެޑް އީސްޓް ކޯސްޓް އާއި މަނަދޫ އެފްޓީ އަދި ވިޔަރި ބޯޅަ ޓީމެވެ. ގްރޫޕް ބީ ގައި ހިމެނޭ ތިން ޓީމަކީ؛ އިންވޭޑާސް އާއި ފެލްކަންސް އަދި މާފާ އެވެ.

މިލަދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު 2-1 އިން ކުރީގަ އޮތީ ޔުނައިޓެޑް އީސްޓް ކޯސްޓް އެވެ. 

ބްލަޑްޒް.އެސްސީއާ ޔުނައިޓެޑް އީސްޓް ކޯސްޓް ބައްދަލުކުރި މެޗުގެ ތެރެއިން. --

އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ބްލަޑްޒް.އެސްސީ އިން ފަހު ހާފުގައި އިތުރު ދެ ލަނޑުޖަހައި ވަނީ މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ތިން ގޯލްވެސް ކާމިޔާބުކޮށްދިނީ ހުސައިން ސައިފް މޫސާ އެވެ. ޔުނައިޓެޑް އީސްޓް ކޯސްޓްގެ ދެލަނޑުވެސް ޖެހީ އަބްދުﷲ ރިމާހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްލަޑްޒް.އެސްސީގެ ސައިފް އެވެ. 

"އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖް 2023" މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މުބާރާތުގެ ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ކަނޑައަޅާފައިވާއިރު،  ބްރޯންޒް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެލީޓްސް ލޯ އެސޯސިއޭޓްސް އެލްއެލްޕީ އާއި މިލަދޫ ކައުންސިލްގެ އިދާރާ އެވެ. 

މުބާރާތުގެ އިތުރު ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު؛ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ތީރު މީޑިއާ، ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓްލައިން، އޮފިޝަލް ކިޓް ޕާޓްނަރުގެ ގޮތުގައި ޕްރިންޓް ކޯ، ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ޓެކްޓްރޯނިކްސް އެމްވީ، ވުޑްގޭޓް ރެސްޓޯރަންޓް،  އާއި ޗާއީވާލާ މިލަދޫ އަދި ޒީޓާ ޕާފިއުމް ހިމެނެއެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގައި ހިމެނޭ ފެލްކަންސްއާ މާފާ އެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ގްރޫޕް އޭ ގައި ހިމެނޭ ވިޔަރި ބޯޅަ ޓީމު ނިކުންނާނީ މަނަދޫ އެފްޓީއާ ދެކޮޅަށެވެ.