މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި ފްރާންސުން 2-1 އިން ބްރެޒިލް ބަލިކުރިއިރު، އިޓަލީ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޯދީ މޮޅާއެކު ސްވިޑެން ގަދަ 16 ގެ ބުރަށް ދަތުރުކޮށްފިއެވެ.

މިއީ ބްރެޒިލްގެ މައްޗަށް ފްރާންސުން ހޯދީ ހަ ވަނަ މޮޅެވެ. މި ދެ ޓީމުގެ މެދުގައި މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބްރެޒިލް މޮޅުވެފައިނުވާއިރު، ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އެފް ގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ޖެހި ގޯލްގެ ތަފާތުން ދެވަނައިގައި އޮތީ ޕެނަމާ އަތުން 1-0 އިން މޮޅުވި ޖެމެއިކާ އެވެ. ތިނެއްގައި ބްރެޒިލް އޮތީ ތިން ޕޮއިންޓާއެކު އެވެ. އެންމެ ފުލުގައި އޮތް ޕެނަމާ އަށް ޕޮއިންޓެއް ނުލިބެއެވެ.

އޮސްޓްރޭލިއާގެ ބްރިސްބޭން ސްޓޭޑިއަމްގައި 49 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި ފްރާންސުން ލީޑްނެގީ ޔުޖިނީ ލެ ސޮމެއާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ފުލްބެކް ސަކީނާ ކަރްޗައުއީ ފޮނުވާލި ޑައިގޮނަލް ހުރަހަކުން ލިބުނު ބޯޅައެއް ކަޑިޑިއާޓޫ ޑިއާނީ ބޮލުން ޖައްސާލުމުން ލެ ސޮމެއާ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ ފްރާންސަށް ކުޅެދިން 180 މެޗުގައި އޭނާ ޖެހި 90 ވަނަ ލަނޑެވެ.

ދެވަނަ ހާފު ފެށިއިރު ބްރެޒިލުން ކުޅުން ރަނގަޅުކުރިއިރު، ބްރެޒިލުން އެއްވަރުކުރި ލަނޑު، 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެބީނާ އެވެ. މިއީ އެ ޓީމުގެ ނިކޯލީ ކެރޮލިން ދިން ޕާހެއް އެހެން ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ޑެބީނާ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ މަތަކުރުމަށް ފްރާންސްގެ ކީޕަރު ޕޭރޯޑް-މައިގްނޯން އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ފްރާންސް މޮޅުވި ލަނޑުޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ވެންޑީ ރެނާޑް އެވެ.  މިއީ ސެލްމާ ބަޗާ ނެގި ކޯނަރަކުން ލިބުނު ބޯޅައެއް ރެނާޑް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި އިޓަލީ ކޮޅަށް ސްވިޑެން އިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މި މެޗުގައި އެ ޓީމުގެ އެމަންޑާ އިލެސްޓެޑް ދެ ލަނޑުޖެހިއިރު، އަނެއް ގޯލްތައް ކާމިޔާބުކޮށްދިނީ ފްރިޑޮލީނާ ރޮލްފޯ އާއި ސްޓީނާ ބްލެކްސްޓީނިއަސް އަދި ރިބެކާ ބްލޮމްކްވިސްޓް އެވެ.

ގްރޫޕް ޖީ ގައި ހިމެނޭ ސްވިޑެން އޮތީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް އިޓަލީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިނެއްގައި އޮތް ދެކުނު އެފްރިކާ އާއި ފުލުގައި އޮތް އާޖެންޓީނާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.