1962 ވަނަ އަހަރު އޭ.ބީމްސިންގ ޑައިރެކްޓްކުރި މި ރީތި ފިލްމަކީ މީނާ ކުމާރީ އަދި ސުނިލް ދަތު ފެނިގެންދާ ފިލްމެކެވެ.

މި ފިލްމަކީ 1963 ވަނަ އަހަރުގެ ފިލްމު ފެއަރ އެވޯރޑުގައި ނޮމިނޭޓްވެ މީނާ ކުމާރީ އަށް ބެސްޓް އެކްޓްރެސްގެ އެވޯޑާއި މިފިލްމުގެ ވާހަކައަށް ބެސްޓް ސްޓޯރީގެ އެވޯރޑްލިބުނު ފިލްމެވެ.

މިފިލްމުގައި މީނާ ކުމާރީގެ ކާފައަކީ ވަރަށް މުއްސަނދި މީހެއްގެ ގާތުގައި ވަޒީފާ އަދާކުރާ މީހެކެވެ. މީނާ ކުމާރީ އެމުއްސަނދިމީހާގެ ދަރި ސުނިލް ދަތުއާ ލޯބީގެ ގޮތުން ގުޅެއެވެ. މާގިނަ ދުވަސްތަކެއް ނުވެ ސުނިލް ދަތު އެހެން ގައުމަކަށް ފުރައިގެން ދާންޖެހެއެވެ. ސުނިލް ދަތުއާއި މީނާ ކުމާރީގެ ގުޅުމަށް ސުނިލް ދަތުގެ ބައްޕަ ވަރަށް ނުރުހެއެވެ. ސަބަބަކީ މީނާ ކުމާރީއަކީ ފަގީރު ނިކަމެތި ކުއްޖަކަށް ވާތީއެވެ. ސުނިލްދަތު ފުރައިގެން ދަނީ އެއްވެސް މީހަކަށް ނާންގާ މީނާ ކުމާރީއާ ކައިވެނި ކުރުމަށްފަހުއެވެ.

ސުނިލް ދަތު ފުރައިގެން ދާފަހުން މީނާ ކުމާރީ އިނީ ސުނިލް ދަތުގެ ދަރިއަކަށް ބަލިވެކަން އެނގެއެވެ. އަދި އެހަބަރު ސުނިލް ދަތުގެ ބައްޕަ އަށް އެނގުމާއި އެކުއެކަމާ ވަރަށް ނުރުހުންވެއެވެ. މީނާ ކުމާރީ ގެކާފައަށް މީނާކުމާރީ ވިހެއުމުން އެކުއްޖާ އެމީހުނާ ދުރުކުރުމަށް މަޖުބޫރު ކުރެއެވެ. އަދި ސުނިލް ދަތުއަށް އެކަން ނާންގަންވެސް ބުނެއެވެ. މީނާ ކުމާރީ ވިހެއުމުން އޭނާއަށް ނޭގި މީނާ ކުމާރީގެ ކާފަ އެތުއްތުކުއްޖާ ގެންގޮސް ޔަތީމްޚާނާއަކާ ހަވާލުކުރުމަށްފަހު ވިހޭފަހުން ދަރިފުޅު ނިޔާ ވީކަމަށް ބުނެ މީނާ ކުމާރީއަށް އޮޅުވާލައެވެ.

ސުނިލް ދަތު އެނބުރި އަންނައިރު މީނާ ކުމާރީ އިނީ އެހެން މީހެއްގެ ދަރިއަށް ބަލިވެކަމަށް ބުނެ އެތައް ދޮގުވާހަކަތަކެއް ސުނިލް ދަތު ބައްޕަ ދެއްކުމުން އޭނާ މީނާ ކުމާރީއަށް ނަފްރަތު ކުރަން ފަށައެވެ.

ދެން ފެނިގެންދަނީ އަހަރުތަކަކަށްފަހު ސްކޫލެއްގެ ޓީޗަރުކަން ކުރަން މީނާ ކުމާރީ އުޅޭ ތަނެވެ. އަދި އެސްކޫލުން މީނާ ކުމާރީއަށް ބައްދަލުވާ ކުޑަކުޑަ ޝާމްއަށް މީނާ ކުމާރީގެ ހިތުގައި ހާއްސަކަމެއް ދެވެއެވެ. ޝާމް އަކީ ޔަތީމްހާނާ އަކުން އެސުކޫލަށް ކިޔަވަން އަންނަ ވަރަށް ނިކަމެތިހާލުގައި ދިރިއުޅެމުން އަންނަ ކުއްޖެކެވެ.

ދެން މިފިލްމުން ފެނިގެންދަނީ އެކުއްޖާއާއި މީނާ ކުމާރީއާ ދޭތެރޭ އުފެދޭ ގާތް ކުލުނާ ލޯތްބެވެ. އެކުއްޖާގެ ހަގީގަތް އެނގެނީ ހަމައެކަނި އެސުކޫލްގައި ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރާ މީނާ ކުމާރީގެ ކާފައަށެވެ. އެކުއްޖާއާއި ސުނިލްދަތުއާ ބައްދަލުވެ އޭނާގެ ހިތުގައިވެސް މިކުއްޖާއަށް ހާއްސަ ޝައުގެއް އުފެދެއެވެ. މިކުއްޖާގެ ސަބަބުން ސުނިލްދަތުއާއި މީނާކުމާރީ އަލުން ބައްދަލުވެއެވެ. އަދި އެތައް ސިއރުތަކެއް ހާމަވެ އާއިލާގެ އެތައްބައަކަށް ހެޔޮވިސްނުން ލިބޭ މިފިލްމަކީ ވަރަށް ރީތި ފިލްމެކެވެ. މިއީ ކުލަނޫން ޒަމާނުގެ ފިލްމުތަކުގެ ތެރެއިން، ހިތާމަ ވެރިފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ފިލްމެކެވެ.