ކްލަބް މޯލްޑިވްސް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު އެސްޓީއޯ، ކްލަބް ފެން އަދި ޕްރިޒަން އެ މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް އަތުން 21- 1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެސްޓީއޯ ވަނީ މޮޅުވެފައެވެ. ކްލަބް އާސަންދަ އަތުން ފެން މޮޅުވީ 5-2 އިންނެވެ. ދިވެހި ސިފައިންގެ ކްލަބު އަތުން ޕްރިޒަން ބަލިވީ 2-1 އިންނެވެ.
ރޭގެ ނަތީޖާއާއެކު އެސްޓީއޯ އޮތީ ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ޔުނައިޓެޑް ބީއެމްއެލް އޮތްއިރު، ތިނެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލް އޮތީ ތިން ޕޮއިންޓާއެކު އެވެ. މި ގްރޫޕުގައި ވާދަކުރި ކްލަބް އެއަރޕޯޓްސް ވަނީ ފުރަތަމަ މެޗުގެ ކުރީން މުބާރާތުން ވަކިވެފައެވެ.
އެސްޓީއޯ އިން ރޭގެ މެޗުގައި މުޙައްމަދު އިމްރާން (އިންމި) އާއި އަހުމަދު ރިޒްވާން (ރިޒޭ) ކުރެން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑުޖެހިއެވެ. އެ ޓީމުގެ އިސްމާއިލް އީސާ ހެޓްރިކެއް ހެދިއިރު، މުޙައްމަދު ފާސިރު (ފާއްޓެ) އާއި މުޙައްމަދު އިސާމް އަދި މުޙައްމަދު ސަނީމް (ސަނީ) ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހިއެވެ. އަނެއް ލަނޑުތައް ޖެހީ މުޙައްމަދު ހަފީޒް އާއި މުޙައްމަދު ޝާހު އަދި ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. ޓްރީ ޓޮޕްގެ ހަމައެކަނި ލަނޑުޖެހީ ނައުފަލް އަލީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޓީއޯގެ ރިޒޭ އެވެ.
ރޭ ގްރޫޕް އެފް ގައި ދިވެހި ސިފައިންގެ ކްލަބު އަތުން ޕްރިޒަން ބަލިވި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑުޖެހީ މުޙައްމަދު ޝާއިން އެވެ. ސިފައިންގެ ގޯލްތައް ޖެހީ މުޙައްމަދު މަފާޒް އާއި ފަހުމާން އަބްދުލް ހަމީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ފަހުމާން އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ކްލަބު ފެންގެ ރައްޒާން ޖައުފަރު އާއި އިބްރާހިމް ޝަނޫން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހިއިރު، އަނެއް ލަނޑުޖަހައިދިނީ އަހުމަދު މާޒިން އެވެ. އާސަންދަ ޓީމުން ލަނޑުތައް ޖެހީ މުޙައްމަދު ސާވިން އާއި އަހުމަދު އަބްދުﷲ (ލިލީ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ކްލަބު ފެންގެ މާޒިން އެވެ.
ކްލަބް މޯލްޑިވްސްގެ 18/30 ކްލަސިކް މުބާރާތުގައި ރޭ މީރާ ރެކްރިއޭޝަން ކްލަބު އަތުން 3-0 އިން ޕްރިޒަން ކްލަބު މޮޅުވިއިރު، ކްލަބު އެމްވައިއެސް އިން ވަނީ ހުޅުމާލެ ހޮސްޕިޓަލް -0 އިން ބަލިކޮށްފައެވެ.
