19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ،  ކަޓައިފިއެވެ.

މި ދެ ޓީމަށް ވެސް ބާކީ އެއް މެޗު އެބައޮތެވެ. ފިރިހެން ޓީމުން އަންނަ ހުކުރު ދުވަހު ޖަޕާނާ ބައްދަލުކުރާއިރު، އަންހެން ޓީމު އެ ދުވަހު ނިކުންނާނީ ތައިލެންޑާ ދެކޮޅަށެވެ.

މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ މި ގޭމްސްގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އިވެންޓުން ރާއްޖޭގެ ދެ ޓީމު މިއަދު ބަލިވީ ދެކުނު ކޮރެއާ އަތުންނެވެ.

މިއަދު ކުޅުނު މެޗުގައި ކޮރެއާ އަތުން ރާއްޖޭގެ ފިރިހެން ޓީމު ބަލިވީ 21-8 އިންނެވެ. މި މެޗުގައި ރާއްޖެ އަށް އެންމެ ގިނަ ޕޮއިންޓް ސްކޯ ކޮށްދިން ރިޝްވާން މުޙައްމަދު ވަނީ ހަ ޕޮއިންޓް ސްކޯ ކޮށްފައެވެ. ރާއްޖެ އަށް ދެން އެންމެ ގިނަ ޕޮއިންޓް ސްކޯ ކޮށްދިނީ އަލީ ޖާސިމް އަބްދުﷲ ހަނީފް އެވެ. އޭނާ ވަނީ ދެ ޕޮއިންޓް ސްކޯ ކޮށްފައެވެ.

މި ފަހަރުގެ ގޭމްސްގައ ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު އިއްޔެ ކުޅުނު ދެވަނަ މެޗުގައި އީރާން އަތުން ވަނީ ބަލިވެފައެވެ. އެ މެޗުން އީރާން މޮޅުވީ 22-6 އިންނެވެ. މި މެޗުގައި ރާއްޖޭން އެންމެ ގިނަ ޕޮއިންޓް ސްކޯ ކޮށްދިނީ އަލީ ޖާސިމް އެވެ. އޭނާ ވަނީ ހަތަރު ޕޮއިންޓް ސްކޯ ކޮށްފައެވެ.

ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އިވެންޓްގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީމު އަތުން ކޮރެއާ މޮޅުވީ 17-5 އިންނެވެ. މި މެޗުގައި ރާއްޖެ އަށް އެންމެ ގިނަ ޕޮއިންޓް ސްކޯ ކޮށްދިނީ އައިޝަތު އިނާޝާ އެވެ. އޭނާ ތިން ޕޮއިންޓް ސްކޯ ކޮށްދިންއިރު، ރާއްޖޭގެ އަނެއް ދެ ޕޮއިންޓް ސްކޯ ކޮށްދިނީ ޒުހާ އަލީ އަޝްރަފް އެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، ބާސްކެޓްބޯޅަ ތުރީ އޮން ތުރީގެ އިތުރުން، އެތުލެޓިކްސް، ބެޑްމިންޓަން، ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ސްވިމިންގ އަދި ޓޭބަލް ޓެނިސް އެވެ.