އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގައި މިއަދު ކުޅުނު މެޗުތަކުން މާފާ އާއި މަނަދޫ އެފްޓީ މޮޅުވެއްޖެއެވެ.
ފެލްކަންސް އަތުން މާފާ މޮޅުވީ 6-2 އިންނެވެ. މަނަދޫ އެފްޓީ އިން ވަނީ 1-0 އިން ވިޔަރި ބޯޅަ ޓީމު ބަލިކޮށްފައެވެ.
މި ޖުލައި މަހުގެ 29 އިން އޮގަސްޓް 5 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިލަދޫގެ އިތުރުން މަގޫދޫ، މަނަދޫ، ޅޮހި އަދި ކުޑަފަރިން ބައިވެރިވެފައިވެއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރިވެފައިވެއެވެ. މި ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ ގައި ހިމެނެނީ؛ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ބްލަޑްޒް އެސްސީ، ޔުނައިޓެޑް އީސްޓް ކޯސްޓް އާއި މަނަދޫ އެފްޓީ އަދި ވިޔަރި ބޯޅަ ޓީމެވެ. ގްރޫޕް ބީ ގައި ހިމެނޭ ތިން ޓީމަކީ؛ އިންވޭޑާސް އާއި ފެލްކަންސް އަދި މާފާ އެވެ.
މިލަދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާފާ އިން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑުޖެހީ މުޙައްމަދު އިރުޝާދު އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑުޖެހީ ނިހާދު މުޙައްމަދު އާއި މުޙައްމަދު އިހުޝާން އަދި ނަސްރުﷲ ވަޖީހު އެވެ. މި މެޗުގައި ފެލްކަންސް އަށް ލަނޑުޖަހައިދިނީ މުޙައްމަދު އިޒާން އަލީ އާއި ހަސަން ސާދިން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފާގެ އިރުޝާދު އެވެ.

މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ވިޔަރި ބޯޅަ ޓީމު އަތުން މަނަދޫ އެފްޓީ މޮޅުވި މެޗުގެ ހަމައެކަނި ލަނޑުޖެހީ އިބްރާހިމް މޫނިސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަނަދޫ އެފްޓީގެ ހަސަން ނާއިފް އެވެ.
"އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖް 2023" މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މުބާރާތުގެ ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ކަނޑައަޅާފައިވާއިރު، ބްރޯންޒް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެލީޓްސް ލޯ އެސޯސިއޭޓްސް އެލްއެލްޕީ އާއި މިލަދޫ ކައުންސިލްގެ އިދާރާ އެވެ.
މުބާރާތުގެ އިތުރު ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު؛ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ތީރު މީޑިއާ، ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓްލައިން، އޮފިޝަލް ކިޓް ޕާޓްނަރުގެ ގޮތުގައި ޕްރިންޓް ކޯ، ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ޓެކްޓްރޯނިކްސް އެމްވީ، ވުޑްގޭޓް ރެސްޓޯރަންޓް، އާއި ޗާއީވާލާ މިލަދޫ އަދި ޒީޓާ ޕާފިއުމް ހިމެނެއެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގައި ހިމެނޭ ފެލްކަންސްއާ މާފާ އެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ގްރޫޕް އޭ ގައި ހިމެނޭ ވިޔަރި ބޯޅަ ޓީމު ނިކުންނާނީ މަނަދޫ އެފްޓީއާ ދެކޮޅަށެވެ.
