ފާއިތުވި މަސްތަކުގައި ކޮންސެޓްތަކުގައި ސްޓޭޖުގައި ޕަރފޯމް ކުރަމުންދާ ފަންނާނުންނާ ދިމާލަށް ބެލުންތެރިން އެއްޗެހި އުކުން ވަނީ އިތުރުވެފައެވެ. މިފަހަރު މި މައްސަލައާ ކުރިމަތިލާން ޖެހުނީ މަޝްހޫރު ރެޕަރ ކާރޑީބީ އަށެވެ. 

ހޮނިހިރު ދުވަހު ކާރޑީ ލަސްވޭގަސްގެ ޑްރައިސް ބީޗް ކްލަބުގަ ސްޓޭޖުމަތީ ޕަރފޯމްކުރަނިކޮށް ބެލުންތެރިއަކު އޭނާގެ މޫނަށް ފެންޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގަ ވައިރަލްވެފައެވެ.

އެ ކްލިޕްގައި ފެންނަނީ ކާޑީ-ބީ އޭނާގެ 2018 ވަނަ އަހަރުގެ ހިޓް ލަވަ 'ބޮޑަކް ޔެލޯ' ޕަރފޯމް ކުރަމުން ދަނިކޮށް އޭނާ ގަޔަށް ފެންޖަހާ މަންޒަރެވެ. އެއާއެކު ފުރަތަމަ ލިބުނު ޝޮކާއެކު ކާރޑީ ވަނީ ރުޅިއައިސްގެން އަތުގަ އޮތް މައިކު ފެންޖެހި އޯޑިއެންސް މެމްބަރާ ދިމާއަށް އެއްލާލާފައެވެ. އޭނާގެ ބޮޑީގާޑުން ވަގުތުން އެމީހާ އެތަނުން ބޭރުކުރަން އުޅޭ މަންޒަރު ފެނިގެންދެއެވެ.

ހޮނިހިރު ދުވަހު ލަސްވޭގަސްގައި ހިނގި މި ހާދިސާ ފަދަ ހާދިސާތަކާ މީގެ ކުރިން އެހެން އެތައް އާޓިސްޓުންނެއްވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.  އެގޮތުން ޑްރޭކް، ކެލްސީ ބެލެރީނީ، ހެރީ ސްޓައިލްސް އަދި ބޭބް ރެކްސާފަދަ އާޓިސްޓުންނާ ދިމާލަށް އޯޑިއެންސް މެމްބަރުން މި ފަދަ އަމަލުތައް ހިންގާފައިވެއެވެ.