މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ގްރޫޕް އޭ އިން ނޯވޭ އާއި ސްވިޒަލެންޑުން ގަދަ 16 ގެ ބުރަށް ދަތުރުކުރިއިރު، ކޮލަމްބިއާ އަތުން ޖަރުމަނު ބަލިވެއްޖެއެވެ.
ނޯވޭ އިން ވަނީ 6-0 އިން ފިލިޕީންސް ބަލިކޮށްފައެވެ. ނިއުޒީލެންޑާ ދެކޮޅަށް ސްވިޒަލެންޑް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭ ގެ އެއްވަނައިގައި އޮތް ސްވިޒަލެންޑަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނޯވޭ އާއި ތިނެއްގައި އޮތް ނިއުޒީލެންޑަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނޯވޭ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ފުލުގައި އޮތް ފިލިޕީންސަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އޯކްލޭންޑްގައި ހުންނަ އެޑެން ޕާކްގައި ކުޅުނު މެޗުގައި ނޯވޭ އިން ޖެހި ހަ ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑުޖަހައިފައެވެ. މި މެޗުގައި އެ ޓީމުން ލީޑްނެގީ ހަތްވަނަ މިނެޓުގައި ސޯފީ ހޯގް ވައްދާލި ލަނޑުންނެވެ. އޭގެ ދިހަ މިނެޓުފަހުން، ހޯގް ވަނީ ނޯވޭގެ ދެވަނަ ލަނޑުޖަހައިދީފައެވެ. އަދި ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކެރޮލީނާ ހެންސަން ވަނީ އެ ޓީމުގެ ލީޑް ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ފިލިޕީންސްގެ އެލީޝިއާ ބާކާ އަތުން ބައިކޮޅަށް ވަތް ގޯލަކުން ނޯވޭގެ ލީޑް އިތުރަށް ފުޅާކުރިއިރު، މެޗުުގެ 53 ވަނަ މިނެޓުގައި ގުރޯ ރެއިޓެން ވަނީ ލިބުނު ޕެނަލްޓީއަކުން ނަތީޖާ 5-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ހޯގް ވަނީ ހެޓްރިކް ފުރިހަމަކޮށް، ނޯވޭގެ ހަވަނަ ލަނޑުޖަހައިދީފައެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކަށް ބަލާއިރު، ފޭވަރިޓެއް ކަމަށްވާ ޖަރުމަނު އަތުން ކޮލަމްބިއާ މޮޅުވީ ފަހުވަގުތު ވައްދާލި ލަނޑުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. ކޮލަމްބިއާ އިން ލީޑްނެގީ 53 ވަނަ މިނެޓުގައި ލިންޑާ ކައިސޭޑޯ ކާމިޔާބުކުރި ގޯލުންނެވެ.
އޭގެފަހުން، މެޗުގެ 89 ވަނަ މިނެޓުގައި ޖަރުމަނުން އެއްވަރުކުރީ އެ ޓީމުގެ ކެޕްޓަން އަލެކްސެންޑްރާ ޕޮޕް، ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލުންނެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެން ދަނިކޮށް އިތުރުވަގުތުގައި މެނުއެލާ ވަނެގާސް ވަނީ ކޮލަމްބިއާ އަށް މުހިއްމު ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. ވަނެގާސް މި ލަނޑުޖެހީ ބޮލުންނެވެ.
ގްރޫޕް އެޗްގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ދެކުނު ކޮރެއާގެ މައްޗަށް މޮރޮކޯ އިން ވަނީ 1-0 އިން ކުރިހޯދާފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ހަވަނަ މިނެޓުގައި ޖަހައިދިނީ އިބްތިސާމް ރައިދީ އެވެ.
މި މެޗުގައި މޮރޮކޯގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ނުހައިލާ ބެންޒީނާ ވަނީ ވޯލްޑް ކަޕް މެޗެއްގައި ބުރުގާ އަޅައިގެން ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
