“ޕްލޭގް” ނުވަތަ ކޮބަޑިއަކީ، ބެކްޓީރިއާގެ ސަބަބުން ދަތުގެ ބޭރުގައި އުފެދޭ ފަށަލައެކެވެ. މިއީ ތަތްކަން ހުންނަ މަޑު ރީނދޫ ކުލަ ނުވަތަ އެއްވެސް ކުލައެއް ހިމެނިގެން ނުވާ  މިކަމުގެ ސަބަބުން، ދަތުގައި ދޫޖެހޭއިރު، އަޅައިގަންނަގޮތް އިޙްސާސް ކުރެވޭ އެއްޗެއްކެވެ. ދަތްނޫނގުޅާ ގިނަ އިރު ހުރުމުން މިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭނެއެވެ. އާންމުކޮށް ދަތްނޫގުޅާ 4-12 ގަޑިއިރާ ދޭތެރޭގައި ކޮބަޑި އުފެދެން ފަށައެވެ. އެހެންކަމުން މަދުވެގެން ދުވާލަކު ދެއިރު ދަތް އުނގުޅުމަކީ މުހިންމުކަމެކެވެ.

ކިރާއި، ކޭކާއި މެޓާފަދަ ކާބޯހައިޑްރޭޓްސް( ހަކުރާއި ސްޓާޗު ) ހިމެނޭ އެއްޗެހި ކެއުމަށްފަހު ދަތް ސާފުނުކުރާނަމަ ކޮބަޑި އުފެދުން އަވަސްވެއެވެ.  އަނގައިގައި އުޅޭ ބެކްޓީރިޔާ މިމާއްދާތަކުގެ ބޭނުންކުރުމުގެ ސަބަބުން، ދަތުގައި އެސިޑް އުފައްދައެވެ. މިއެސިޑްތަކުގެ ސަބަބުން، ދަތުގެ އިނޭމްލް އޭކިއާ ބޭރު ހުދު ފަށަލަ ހަލާކުކޮށްލައެވެ. އިނޭމްލް ބައި ހަލާކުވުމުން އާންމުކޮށް އަޅުގަޏޑުމެން ކިއާ އުޅޭ ގޮތުންނަމަ ދަތްފަނިކެއުމުގެ މައްސަލަތައް ކުރިމަތިވާން ފަށައެވެ. މީގެ އިތުރުން ހިރުގަނޑުގައި އިންފެކްޝަން އުފެދި ހިރުގަނޑުތެރޭގައި ދަތް ހިފަހައްޓައިދޭބައިގެ އެތެރެ ވެސް ހަލާކުވެއެވެ.

ކޮބަޑިއަކީ އަނގައިގެ ތެރޭގައި ދަތުގެ ގިނަމަ މައްސަލަ ތައް ކުރިމަތި ކުރުވާ މައިގަނޑު އެއްސަބަބެވެ. ކޮބަޑީގެ ސަބަބުން ދަތްޕިލަ ބަލިކަށިވެ ދަތުގެ ކުލަ ބަދަލުވެ ހުތުރުވެއެވެ. އަދި އަނގައިން ނުބައި ވަސްދުވުމަށްވެސް މަގުފަހިވެއެވެ. ދަތުގައި ޖަހާ ކޮބަޑި ސާފުނުކުރެވޭނަމަ ގިނަދުވަސްވުމުން އެބަދުލުވަނީ "ޓާރޓާރ" އަށެވެ. ޓާރޓާރ އަށް ބަދަލުވުމަށްފަހު ދަތުން އެފިލުވޭނީ ހަމައެކަނި ދަތުގެ ޑޮކްޓަރެއްގެ އެހީގައެވެ.

ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ބޭކިންގ ޕައުޑަރ، ފްލޮރައިޑް އެކުލެވޭ ދަތްއުނގުޅާ ބޭހަކުން ދަތް ސާފުކުރުމުން ކޮބަޑި ނައްތާލައެވެ. ދަތް އުނގުޅާއިރު، ހިރުގަނޑާއި ދަތް ބައްދަލުވާ ހިސާބު ސާފުކުރުމަށް ވަކިން ޚާއްޞަ ސަމާލުކަމެއްދޭންވާނެއެވެ. ކޮބަޑިން ސަލާމަތްވާން އެންމެ ރަނގަޅީ ގިނައިން ދަތް އުނގުޅުމާއި ފްލޮސްކުރުމެވެ. މީގެ އިތުރުން ދަތުގެ ސަލާމަތާއި ޞިއްޙަތާއިމެދު ޔަޤީންކަން ހޯދުމަށްޓަކައި، ކޮންމެ 6 މަހުން އެއްމަހު، ދަތުގެ ޑޮކްޓަރަށް ޒިޔާރަތްކުރުންވެސް ރަނގަޅެވެ. ދަތުގެ ޑޮކްޓަރގެ ލަފާގެ މަތިން ޑެންޓަލް ސީލަންޓްއެއް ބޭނުންވޭތޯ ބެލުމަށްފަހު ސީލަންޓޭއް ބޭޏުންކުރުން މުހިންމެވެ. ސީލަންޓްއަކީ، ފަނިކެއުންފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، ކާއެއްޗެހި ހެފުމަށް ދަތުން ބޭނުންކުރެވޭ ބައިގައި އަޅާ، ތުނިތުނި ޕްލާސްޓިކް ކޯޓްއެކެވެ.

ކާއިރު، ކާނާގެ ބައިތައް ހަމަހަމައަށް ހިމެނޭ ( ބެލެންސް ޑައިޓެއް ) ކެއުމެއް އާދަކުރުމަކީ ދަތްތަކަށް ފައިދާހުރި ކަމެކެވެ. މައިގަނޑު ކެއުންތަކުގެ އިތުރަށް، ދޭތެރެ މެދުތަކުގައި ކާކެއުން މަދުކުރުމުންވެސް ކޮބަޑިން ރައްކާތެރިވެއެވެ. ދެކެއުން ދޭތެރޭގައި އެއްޗެއްކާނަމަވެސް، އެއީ ފައިދާހުރި އެއްޗަކަށް ހަދާށެވެ. ތަރުކާރީއަކީ، އަނގައިގެތެރޭގައި ބާކީވެފައި ހުންނަ ކާއެތިކޮޅުކޮޅު ދަތުން ނައްޓާލަދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ޕްލޭގް އުފެދުމަށް މެދުވެރިކާ އެސިޑްތަކުގެ ބާރުކަނޑުވާލަދިނުމަށް، ތަރުކާރީން އަނގައިގައިހުންނަ ކުޅަށް ހާއްސަ މާއްދާއެއް އެކުލަވާލަދެއެވެ. ސައިންސްވެރިން ގަބޫލްކުރާ ގޮތުގައި އާދައިގެ ބުރުހަށް ވުރެން ބެޓްރީ ލައްވާ ބުރުހުން ދަތްއުގުޅުމުން ކޮބަޑި ނައްތާލަން ފަސޭހަވެއެވެ.

ދަތުގައި ކޮބަޑި ޖެހުމުން ސަލާމަތް ވުމަށް ގޭގައި ބޭނުންކުރެވިދާނެ ތަކެތީގެ ތެރޭގައި ވައްތީނި ހިމެނެއެވެ. ވައްތީނީގައި ބެކްޓީރިއާ ނައްތާލަން އެހީވެދޭ މާއްދާއެއް އެކުލެވެއެވެ. މީގެ އިތުރުން ކަރަންފޫ ފޮނިތޮށި ފަދަ ކުޅިރަހަ އެކުލެވޭ ސްޕައިސް ތަކަކީ ވެސް ކޮބަޑިޖެހުމުން ދުރުކޮށްދޭ އެއްޗެއްސެވެ. މިތަކެތީގައި އެކުލެވޭ ކުޅި އާވީގެ ސަބަބުން އަނގައިތެރޭގައި ކުޅު ގިނަކޮށްލައެވެ. އަދި ކުޅަކީ ގުދުރަތީ ގޮތުން ދަތް ސާފުކޮށް ދޮވެލާ އެއްޗެއްކަމުން ގިނަކުޅުއަނގައިގައި އުފެދުމުން ދަތް ސާފްކޮށްލައެވެ.