އަޔުޝްމާން ޚުރާނާގެ ކުރިއަށް އޮތް ފިލްމް 'ޑްރީމްގަރލް 2' ގެ އޮފިޝަލް ޓީޒަރ ނެރެފިއެވެ. ފިލްމުގެ އޮފިޝަލް ޓްރެއިލަރ މާދަމާ ނެރެން ހަމަޖެހިފއިވާއިރު މިއީ ބެލުންތެރިންނަށް ތަފާތު އަދި މަޖާ ސިނެމެޓިކް ތަޖުރިބާއެއް ކުރުވާނެ ފިލްމެއްކަމަށް މި ފިލްމުގެ ޕްރޮޑިއުސަރުންވަނީ ބުނެފައެވެ.
މި ފިލްމުގަ އަޔުޝްމާން ޕޫޖާ ކިޔާ އަންހެން ކުއްޖެއްގެ ރޯލުންވެސް ފެނިގެންދާއިރު ޓީޒަރ އިން ޕޫޖާގެ ކެރެކްޓަރ ކޮންމެވެސް ވަރަކަށް ދައްކާލަދެއެވެ.
އޭކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ރާޖް ޝާންދިލިއާއެވެ. މިއީ އެކްޓްރެސް އަނަންޔާ ޕާންޑޭ އަޔުޝްމާނާ އެކީ ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މީގެ ކުރިން އަނަންޔާއާއި އޭނާގެ ބައްޕަ، މަޝްހޫރު އެކްޓަރ ޗަންކީ ޕާންޑޭ، މި ފިލްމުގެ ޕްރޮމޯޝަނަލް ކްލިޕަކުން ފެނިފައިވެއެވެ.
ޑްރީމް ގަރލްގެ ފުރަތަމަ ފިލްމު ނެރުނީ 2019 ވަނަ އަހަރުގައެވެ. އެއީ ރާޖް ޝާންދިލިޔާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމުވެސް މެއެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނުނީ އަޔުޝްމާނާއެކު ނުޝްރަތް ބަރޫޗާއެވެ. 28 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސްއޮފީހުގަ 200 ކްރޯޑަށްވުރެ ބޮޑު އާމްދަނީއެއް ވަނި ލިބިފައެވެ.

'ޑްރީމްގަރލް 2' ގެ ބަޖެޓަކީ 35 ކްރޯޑް ރުޕީސްކަމަށްވެއެވެ.
'ޑްރީމްގަރލް 2' ގެ ކާސްޓުންގެ ތެރޭގައި އަޔުޝްމާނާއި އަނަންޔާގެ އިތުރުން ޕަރޭޝް ރާވަލް، އަސްރަނީ، އަންނޫ ކަޕޫރް، އަބިޝޭކް ބެނަރްޖީ، މަންޖޯތް ސިންގް، ރާޖްޕަލް ޔާދަވް، މަނޯޖް ޖޯޝީ، ސީމާ ޕަހްވާ އަދި ވިޖޭ ރާޒް ވެސް ހިމެނެއެވެ.
'ޑްރީމް ގަރލް 2' ރިލީޒް ކުރަން ހަމަޖެހިފައިވަނީ އޯގަސްޓް 25 ގައެވެ.
