މިހާރު ކުރިއަށްދާ އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖްގައި ބްލަޑްޒް އެސްސީ ކުޅުނު ދެވަނަ މެޗުން މޮޅުވިއިރު، އިންވޭޑާސް އާއި ޔުނައިޓެޑް އީސްޓް ކޯސްޓް ފުރަތަމަ މޮޅު ހޯދައިފިއެވެ.

ބްލަޑްޒް އެސްސީ އިން ވަނީ ވިޔަރި ބޯޅަ ޓީމު އަތުން 7-1 އިން މޮޅުވެފައެވެ. މާފާ އަތުން އިންވޭޑާސް 2-3 އިން މޮޅުވިއިރު، ޔުނައިޓެޑް އީސްޓް ކޯސްޓް ވަނީ 7-0 ގެ ނަތީޖާއަކުން މަނަދޫ އެފްޓީ ބަލިކޮށްފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި އުޅޭ ބްލަޑްޒް އެސްސީ ވަނީ ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ޔުނައިޓެޑް އީސްޓް ކޯސްޓް އަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިނެއްގައި އޮތް މަނަދޫ އެފްޓީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑް އީސްޓް ކޯސްޓް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ފުލުގައި އޮތް ވިޔަރި ބޯޅަަ ޓީމަށް ޕޮއިންޓެއް ލިބިފައިނުވާއިރު، ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ.

މިލަދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބްލަޑްޒް އެސްސީ އިން ޖެހި ހަތް ލަނޑުގެ ތެރެއިން އެ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) އާއި ހުސައިން ސައިފް މޫސާ ކުރެން ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އަހުމަދު ހާފިޒް އެވެ. މި މެޗުގައި ވިޔަރި ބޯޅަ ޓީމުގެ ހަމައެކަނި ލަނޑުޖެހީ ސިވާން އަބްދުލް މަޖީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްލަޑްޒްގެ ހާއްޕެ އެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި މަނަދޫ އެފްޓީ ކޮޅަށް ޔުނައިޓެޑް އީސްޓް ކޯސްޓް އިން ޖެހި ހަތް ލަނޑުގެ ތެރެއިން އަބްދުﷲ ރިމާހު ހަތަރު ލަނޑުޖެހިއިރު، އިބްރާހިމް ސިމާހު ވަނީ ހެޓްރިކެއް ހަދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް އީސްޓް ކޯސްޓްގެ ސިމާހު އެވެ.

މި މުބާރާތުގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި ގްރޫޕް ބީ ގައި ހިމެނޭ އިންވޭޑާސް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އަހުމަދު ޝަމްވީލް އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ މުޙައްމަދު މައުރޫފް އެވެ. މި މެޗުގައި މާފާގެ ދެލަނޑުޖެހީ ވެސް މުޙައްމަދު އިރުޝާދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އިންވޭޑާސްގެ ޝަމްވީލް އެވެ.

މިރޭގެ ނަތީޖާއާއެކު ގްރޫޕް ބީ ގެ އެއްވަނައިގައި އުޅޭ މާފާ އާއި ދެވަނައިގައި އުޅޭ އިންވޭޑާސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މާފާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ފުލުގައި އޮތް ފެލްކަންސް އަށް ޕޮއިންޓެއް ނުލިބެއެވެ.

"އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖް 2023" މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މުބާރާތުގެ ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ކަނޑައަޅާފައިވާއިރު،  ބްރޯންޒް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެލީޓްސް ލޯ އެސޯސިއޭޓްސް އެލްއެލްޕީ އާއި މިލަދޫ ކައުންސިލްގެ އިދާރާ އެވެ. 

މުބާރާތުގެ އިތުރު ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު؛ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ތީރު މީޑިއާ، ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓްލައިން، އޮފިޝަލް ކިޓް ޕާޓްނަރުގެ ގޮތުގައި ޕްރިންޓް ކޯ، ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ޓެކްޓްރޯނިކްސް އެމްވީ، ވުޑްގޭޓް ރެސްޓޯރަންޓް،  އާއި ޗާއީވާލާ މިލަދޫ އަދި ޒީޓާ ޕާފިއުމް ހިމެނެއެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ޔުނައިޓެޑް އީސްޓް ކޯސްޓް ބައްދަލުކުރާނީ ވިޔަރި ބޯޅަ ޓީމާ އެވެ. ދެވަނަ މެޗުގައި އިންވޭޑާސް ނިކުންނާނީ ފެލްކަންސްއާ ދެކޮޅަށެވެ. މާދަމާގެ ފަހު މެޗުގައި ބްލަޑްސް އެސްސީ ނިކުންނާނީ މަނަދޫ އެފްޓީއާ ދެކޮޅަށެވެ.