މިހާރު ކުރިއަށްދާ 10 ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަނުން ކަށަވަރުވެއްޖެއެވެ.

ޖުލައި މަހުގެ 30 އިން އޮގަސްޓް މަހުގެ 5 ގެ ނިޔަލަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި 12 އޮފީހަކުން އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގައި މުޅި ޖުމްލަ 80 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކޮށްފައިވެއެވެ. 

މި މުބާރާތުގައި ރޭ ކުޅުނު ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލްގެ ޚާތިމް ޚަލީލް އާއި ނައުފަލް ޝަރީފްގެ ޕެއާ އެވެ. އަދި އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލްގެ ފާތިމަތު މުޙައްމަދު ސައީދު އާއި ޝުމާ އަބްދުﷲ ރަފީއުގެ ޕެއާ އެވެ.

ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ޚާތިމް އާއި ނައުފަލްގެ ޕެއާ އިން ވަނީ ވަރަށް ފަސޭހަކަމާއެކު 25-0 އިން އެމްއޭސީއެލްގެ ނާޒިމް ހަސަން އާއި އިބްރާހިމް ޝާހީންގެ ޕެއާ ބަލިކޮށްފައެވެ.

މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުގެ ތެރެއިން. --ފޮޓޯ: ތީރު މީޑިއާ

ފިރިހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސައުޝާދު ޒަމީރު އާއި އަބްދުﷲ ފިރުޝާންގެ ޕެއާ ވަނީ 20-16 އިން އެމްއައިބީގެ ޝިފާއު އަބްދުﷲ އާއި އަހުމަދު ޝަރީފް ހުސެއިންގެ ޕެއާ ބަލިކޮށްފައެވެ.

އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުގައި އެމްއޭސީއެލްގެ ފާތިމަތު މުޙައްމަދު އާއި ޝުމާގެ ޕެއާ ވަނީ ވަރަށް ވާދަވެރިކޮށް ދިޔަ މެޗުން 11-9 އިން އައިޖީއެމްއެޗްގެ ރާފިއަތު ރިޒްމާ އާއި އާމިނަތު ޖުނާނާ ސައުދުﷲ ގެ ޕެއާ އަތުން މޮޅުވެފައެވެ.

މި އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި އެމްއައިބީގެ ނަޒީފާ އިސްމާއިލް އާއި އައިޝަތު ޝަރާގެ ޕެއާ ވަނީ 25-1 ގެ ތަފާތަކުން އެމްއޭސީއެލްގެ ފާތިމަތު ސިޔާނާ އާއި އައިޝަތު ސީމާގެ ޕެއާ ބަލިކޮށްފައެވެ.

މި މުބާރާތުގައި މިރޭ ކުރިއަށްދާނީ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ.