ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ގެ ބުރުގެ ގުރުއަތުލުން ބޭއްވިއިރު މުބާރާތުގެ ކާމިޔާބު ދެ ޓީމު ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރާން ޖެހިއްޖެއެވެ.

މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ނިންމާލި ފަސް ޓިމުގެ ތެރޭގައި ހިމެނޭ އެމްޕީއެލް އިން ވަނީ މިހާތަނަށް ތިން ފަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ތަށި އުފުލާލައިފައެވެ. އެ ޓީމު ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައިވެސް ކުޅެފައެވެ.

މި މުބާރާތުގެ ތަށި ދެ ފަހަރު ކާމިޔާބުކޮށްފައިވާ ބީއެމްއެލް، މި ފަހަރު ލައްވާލީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، އެސްޓީއޯ ރެކްރިއޭޝަން ކްލަބާ އެއް ގްރޫޕެއްގައެވެ. ބީއެމްއެލް އިން މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފައިވީނަމަވެސް މިދިޔަ އަހަރުގެ މުބާރާތުން އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 4 ވާ ހުކުރު ދުވަހުގެ ރޭގަނޑު 9:45 ގައެވެ.

ހެންވޭރު ބޯޅަ ގޭގައި ރޭ ކުރިއަށްދިޔަ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ގެ ބުރުގެ ގުރުއަތުލުމުގެ އެހެން މެޗުތަކަށް ބަލާއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، އެސްޓީއޯ ނިކުންނާނީ މޯލްޑިވިއަންއާ ދެކޮޅަށެވެ. އެސްޓީއޯއާ މޯލްޑިވިއަން ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:15 ގައެވެ.

އެންމެފަހުގެ ޗެމްޕިއަން ފެނަކަ ނޮކްއައުޓް ބުރުގައި ބައްދަލުކުރާނީ ގޭސް ކްލަބާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:45 ގައެވެ.

މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ކްލަބް އާބަންކޯ އިން ޕްރިޒަން ކްލަބާ ދެކޮޅަށް ނިކުންނައިރު، ސްޓެލްކޯ ކްލަބު ނިކުންނާނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. 

2021 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބައްދަލުކުރާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެވެ.

ގަދަ 16 ގެ ބުރުގައި ކުޅުމަށް ހަމަޖެހިފައިވާ އިތުރު މެޗުތަކަށް ބަލާއިރު، މީގެކުރީން ދެ ފަހަރު ފައިނަލްގައި ކުޅެފައިވާ ވެމްކޯ ނިކުންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްއާ ދެކޮޅަށެވެ. ޓީމް އެފްއެސްއެމް ބައްދަލުކުރާނީ ކްލަބް ފެންއާ އެވެ.

މި މުބާރާތުގެ ގަދަ 16 ގެ ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

 

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ގެ ބުރުގެ މެޗުތައް:

ވެމްކޯ - ކްރޮސްރޯޑްސް މޯލްޑިވްސް

އާބަންކޯ - ޕްރިޒަން ކްލަބް

ސްޓެލްކޯ - ކަސްޓަމްސް

އެމްޕީއެލް - ބީއެމްއެލް

އެސްޓީއޯ - މޯލްޑިވިއަން

އާރްއާރްސީ - އެމްއޭސީއެލް

ކްލަބް ފެން - ޓީމް އެފްއެސްއެމް

ޓިމް ފެނަކަ - ގޭސް ކްލަބް