މިހާރު ކުރިއަށްދާ އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ބްލަޑްޒް އެސްސީ އާއި އިންވޭޑާސް އިން ގްރޫޕްގެ އެއްވަނަ މަގާމު ހޯދިއިރު، ސެމީގެ ފަހު ޖާގަތައް ޔުނައިޓެޑް އީސްޓް ކޯސްޓް އާއި މާފާ އިން ކަށަވަރުކޮށްފިއެވެ.
ބްލަޑްޒް އެސްސީ އިން ވަނީ 6-0 އިން މަނަދޫ އެފްޓީ ބަލިކޮށްފައެވެ. ވިޔަރި ބޯޅަ ޓީމު އަތުން ޔުނައިޓެޑް އީސްޓް ކޯސްޓް 2-0 އިން މޮޅުވިއިރު، އިންވޭޑާސްއާ ފެލްކަންސް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި އުޅޭ ބްލަޑްޒް އެސްސީ ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ޔުނައިޓެޑް އީސްޓް ކޯސްޓް އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިނެއްގައި އޮތް މަނަދޫ އެފްޓީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ވިޔަރި ބޯޅަަ ޓީމުން ގްރޫޕް ސްޓޭޖު ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. އެ ޓީމު ކުޅުނު ތިން މެޗުން ވަނީ ބަލިވެފައެވެ.
މިލަދޫ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ގްރޫޕް އޭ ގައި ހިމެނޭ ޔުނައިޓެޑް އީސްޓް ކޯސްޓް އިން ވިޔަރި ބޯޅަ ޓީމު ކޮޅަށް ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ރިމާހު އާއި އިބްރާހިމް ސިމާހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް އީސްޓް ކޯސްޓްގެ ސިމާހު އެވެ.
އެ ގްރޫޕުގެ އަނެއް މެޗުގައި ރޭ ބްލަޑްޒް އެސްސީ އިން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން އެ ޓީމުގެ ހުސައިން ސައިފް މޫސާ ހެޓްރިކް ހެދިއެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި އަނެއް ލަނޑުތައް ޖެހީ އިބްރާހިމް އަސްވަދު (ގަބޭ) އާއި އިބްރާހިމް ހިޝާމް އަދި މޫސާ ހުމެއިދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްލަޑްޒް އެސްސީ ގެ ސައިފް އެވެ.
މި މުބާރާތުގައި ރޭ ގްރޫޕް ބީ ގައި ހިމެނޭ އިންވޭޑާސްއާ ފެލްކަންސް އެއްވަރުވި މެޗުގައި ފެލްކަންސް އިން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ގޯލަކީ އިންވޭޑާސްގެ އަހުމަދު ޝަމްވީލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝަމީމް އެވެ. އިންވޭޑާސްގެ ލަނޑުތައް ޖެހީ މުހައްމަދު ހުސެއިން އާއި އިބްރާހިމް ނަދާދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އިންވޭޑާސްގެ ނަދާދު އެވެ.
ރޭގެ ނަތީޖާއާއެކު މި ގްރޫޕްގެ އެއްވަނަ މަގާމް ހޯދީ އިންވޭޑާސް އެވެ. އެ ޓީމަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މާފާ އެވެ. އެންމެ ފުލުގައި އޮތް ފެލްކަންސް އަށް ލިބުނީ އެއް ޕޮއިންޓެވެ.
"އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖް 2023" މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މުބާރާތުގެ ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ކަނޑައަޅާފައިވާއިރު، ބްރޯންޒް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެލީޓްސް ލޯ އެސޯސިއޭޓްސް އެލްއެލްޕީ އާއި މިލަދޫ ކައުންސިލްގެ އިދާރާ އެވެ.
މުބާރާތުގެ އިތުރު ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު؛ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ތީރު މީޑިއާ، ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓްލައިން، އޮފިޝަލް ކިޓް ޕާޓްނަރުގެ ގޮތުގައި ޕްރިންޓް ކޯ، ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ޓެކްޓްރޯނިކްސް އެމްވީ، ވުޑްގޭޓް ރެސްޓޯރަންޓް، އާއި ޗާއީވާލާ މިލަދޫ އަދި ޒީޓާ ޕާފިއުމް ހިމެނެއެވެ.
