މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިއަދު ކުޅުނު މެޗުތަކަށްފަހު ފްރާންސުން އެ ގްރޫޕްގެ އެއްވަނަ މަގާމް ހޯދިއިރު، ބްރެޒިލް ކަޓައިފިއެވެ. މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ޖެމެއިކާ އެވެ.
ފްރާންސުން ވަނީ 6-3 އިން ޕެނަމާ ބަލިކޮށްފައެވެ. ޖެމެއިކާއާ ބްރެޒިލް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު ފްރާންސަށް އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނަ ޖެމެއިކާ އަށް ލިބުނުއިރު، ހަތަރު ޕޮއިންޓާއެކު ބްރެޒިލަށް ލިބުނީ ތިންވަނަ އެވެ. އެންމެ ފުލުގައި އޮވެ ގްރޫޕް ސްޓޭޖް ނިންމާލި ޕެނަމާ އަށް ޕޮއިންޓެއް ނުލިބެއެވެ.
ސިޑްނީގެ އެލިއާންޒް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ފްރާންސުން ގިނަ ބަދަލުތަކާއެކު ނިކުތްއިރު، މި މެޗުގައި ކުރީން ލީޑްނެގީ ޕެނަމާ އިންނެވެ. މެޗު ފެށިތާ 67 ވަރަކަށް ސިކުންތުގެ ތެރޭގައި ޕެނަމާ އަށް މިލަނޑުޖަހައިދިނީ މާޓާ ކޮކްސް އެވެ.
އޭގެ ފަހުން، މެޗުގެ 22 ވަނަ މިނެޓުގައި މައެލް ލަކްރާރް ފްރާންސަށް އެއްވަރުކޮށްދީފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެކުރީން އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅުނު ފޯވާޑް ކަޑިޑިއާޓޫ ޑިއާނީ ވަނީ 10 މިނެޓުގެ ތެރޭގައި ދެ ލަނޑުޖަހައިދީފައެވެ. އޭނާ ޖެހި ފުރަތަމަ ލަނޑު، 28 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު ފްރާންސްގެ ތިންވަނަ ލަނޑު ޑިއާނީ ޖެހީ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އަދި އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގައި ސެލްމާ ބަޗާ ދިން ބޯޅައަކުން ލިއާ ލެ ގަރެޗް ވައްދާލި ލަނޑާއެކު އެ ޓީމުން ނިންމާލީ 4-1 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޑިއާނީ ވަނީ ހެޓްރިކް ފުރިހަމަކޮށް، ފްރާންސްގެ ލީޑް ފުޅާކޮށްދީފައެވެ. އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ޕެނަމާގެ ޔޮމީރާ ޕިންޒޯން ޕެނަލްޓީއަކުން ވައްދާލި ލަނޑާއެކު އެ ޓީމުން ފަރަގު ކުޑަކުރިއެވެ. އަދި އޭގެފަހުން، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ލިނެޓު ސެޑޭނޯ ބޮލުން ވައްދާލި ލަނޑާއެކު ޕެނަމާ އިން ވަނީ ފަރަގު އިތުރަށް ކުޑަކޮށްފައެވެ. ނަމަވެސް، މެޗު ނިމުމުގެކުރީން އިތުރުވަގުތުގައި ފްރާންސުން ވަނީ އިތުރު ގޯލެއްޖަހައި، ފުރަތަމަ ހާފު ނިމުނުއިރު އޮތް ތިން ލަނޑުގެ ލީޑް ދަމަހައްޓާފައެވެ. އީވް ޕެރިސޭ ދިން ބޯޅައަކުން މި ލަނޑުޖަހައިދިނީ ވިކީ ބެޗޯ އެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ޖެމެއިކާ އިން ވަނީ ދެކުނު އެމެރިކާގެ އަންހެނުންގެ ފުޓްބޯޅައިގެ ގަދަބާރު ކަމަށްވާ ބްރެޒިލުން ލަނޑެއްޖެހިޔަނުދީ ހިފަހައްޓާފައެވެ. މި މެޗުގައި ބްރެޒިލުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޖެމެއިކާގެ ގޯލްކީޕަރު ރިބެކާ ސްޕެންސާ ވަނީ ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ.
މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ޖެމެއިކާ ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމަކީ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް މިހާތަނަށް ދަތުރުކުރި ކެރީބިއަން ސަރަހައްދަށް ނިސްބަތްވާ ހަމައެކަނި ގައުމެވެ. މީގެ ހަތަރު އަހަރުކުރީން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކެޓީ ކުޅުނު ތިން މެޗުން ބަލިވެގެންނެވެ. އެއާ ހިލާފަށް މިފަހަރުގެ މުބާރާތުގައި އެ ޓީމުން ވަނީ އަންހެނުންގެ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ފްރާންސާއި، ބްރެޒިލާ އެއްވަރުކޮށްފައެވެ. އަދި މި ގްރޫޕުގައި ހިމެނުނު އުތުރު އެމެރިކާ ބައްރަށް ނިސްބަތްވާ ޕެނަމާ ބަލިކޮށްފައެވެ.
މި މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް ޖީ ގެ މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އާޖެންޓީނާ އަތުން 2-0 އިން ހޯދީ މޮޅާއެކު ސްވިޑެން އިން ވަނީ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ރިބެކާ ބްލޮމްކްވިސްޓް އާއި އެލިން ރުބެންސަން އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އިޓަލީގެ މައްޗަށް 2-3 އިން ހޯދީ މޮޅާއެކު ދެކުނު އެފްރިކާ ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
