މިހާރު ކުރިއަށްދާ އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކަށްފަހު ބްލަޑްޒް އެސްސީއާ އިންވޭޑާސް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ބްލަޑްޒް އެސްސީ އިން މި މުބާރާތުގެ ފައިނަލްގައި ކުޅޭ ދެވަނަ ފަހަރެވެ. އެ ޓީމުން މިދިޔަ އަހަރުގެ ފައިނަލްގައި ކުޅެ ވަނީ ބަލިވެފައެވެ. 

ބްލަޑްޒް އެސްސީ އިން ވަނީ 12-0 އިން މާފާ ބަލިކޮށްފައެވެ. ޔުނައިޓެޑް އީސްޓް ކޯސްޓް އަތުން އިންވޭޑާސް މޮޅުވީ 5-0 އިންނެވެ.

 

ރޭގެ މެޗުގައި ބްލަޑްޒް އެސްސީގެ އަލީ ހާފިޒް (ވ) އަތުން ބޯޅަ ހޯދަން މާފާގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --

މިލަދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ސެމީގައި ބްލަޑްޒް އެސްސީ އިން ވަނީ އެ ޓީމުން ޖެހި ބާރަ ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ފަސް ގޯލް ޖަހާފައެވެ.

މި މެޗުގައި އެ ޓީމުން ޖެހި 12 ލަނޑުގެ ތެރެއިން އަލީ ހާފިޒް (ހާއްޕެ) ހަތަރު ލަނޑުޖެހިއިރު، މޫސާ ހުމެއިދު ހެޓްރިކެއް ހެދިއެވެ. ބްލަޑްޒް އެސްސީގެ އަނެއް ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަސްވަދު (ގަބޭ) އާއި އަހުމަދު ހާފިޒް އަދި ހުސެއިން ޝާފީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބްލަޑްޒް އެސްސީގެ ހާއްޕެ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި އިންވޭޑާސް އިން ޔުނައިޓެޑް އީސްޓް ކޯސްޓް ކޮޅަށް ވައްދާލި ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑުޖެހިއެވެ. ރޭގެ މެޗުގައި އިންވޭޑާސް އިން ޖެހި ފަސް ލަނޑުގެ ތެރެއިން އިބްރާހިމް ނަދާދު ހެޓްރިކެއް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަހުމަދު ޝަމްވީލް އާއި މުޙައްމަދު މައުރޫފް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންވޭޑާސްގެ ނަދާދު އެވެ.

ޔުނައިޓެޑް އީސްޓް ކޯސްޓް ކޮޅަށް ލަނޑުޖެހުމަށްފަހު އިންވޭޑާސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --

"އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖް 2023" މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މުބާރާތުގެ ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ކަނޑައަޅާފައިވާއިރު،  ބްރޯންޒް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެލީޓްސް ލޯ އެސޯސިއޭޓްސް އެލްއެލްޕީ އާއި މިލަދޫ ކައުންސިލްގެ އިދާރާ އެވެ. 

މުބާރާތުގެ އިތުރު ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު؛ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ތީރު މީޑިއާ، ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓްލައިން، އޮފިޝަލް ކިޓް ޕާޓްނަރުގެ ގޮތުގައި ޕްރިންޓް ކޯ، ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ޓެކްޓްރޯނިކްސް އެމްވީ، ވުޑްގޭޓް ރެސްޓޯރަންޓް،  އާއި ޗާއީވާލާ މިލަދޫ އަދި ޒީޓާ ޕާފިއުމް ހިމެނެއެވެ.

ބްލަޑްޒް އެސްސީއާ އިންވޭޑާސް ބައްދަލުކުރާ މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:15 ގައެވެ.