މިހާރު ކުރިއަށްދާ 10 ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަނުން ކަށަވަރުވެއްޖެއެވެ.
ޖުލައި މަހުގެ 30 އިން އޮގަސްޓް މަހުގެ 5 ގެ ނިޔަލަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި 12 އޮފީހަކުން އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގައި މުޅި ޖުމްލަ 100 އެއްހާ ކުޅުންތެރިން ވާދަކޮށްފައިވެއެވެ.
މި މުބާރާތުގައި ރޭ ކުޅުނު ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލްގެ ޚާތިމް ޚަލީލް އެވެ. އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ބީއެމްއެލްގެ ފާތިމަތު ޔުމްނާ އެވެ.
ފިރިހެން ސިންގަލްސް ފައިނަލްގައި ޚާތިމް ވަނީ 25-16 އިން އެމްއޭސީއެލްގެ އިބްރާހިމް ޝާހީން އަތުން މޮޅުވެފައެވެ.
މި މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެމްއޭސީއެލްގެ ނައުފަލް ޝަރީފް ވަނީ 25-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެމްޕީއެލްގެ އުމަރު ޒިޔާދު ބަލިކޮށްފައެވެ.
އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި ބީއެމްއެލްގެ ދެ ކުޅުންތެރިންގެ ކުރިމަތިލުމުގައި ނަސީފާ ސައީދު އަތުން ފާތިމަތު ޔުމްނާ މޮޅުވީ 23-8 އިންނެވެ.
މި އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އުތުސިއްޔާ ތައުފީޤު ވަނީ 25-5 އިން މީރާގެ މަރިޔަމް ނުހާ ބަލިކޮށްފައެވެ.
މި މުބާރާތުގައި މިއަދު ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓްގެ މެޗުތަކެވެ.
