އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު ފައިނަލްގައި އިންވޭޑާސް ބަލިކޮށް، ބްލަޑްޒް އެސްސީ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި މެޗުން ބްލަޑްޒް އެސްސީ މޮޅުވީ 3-2 އިންނެވެ.
މިއީ އެ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ސަސްޕަޓިސް އަތުން އެ ޓީމު ވަނީ ބަލިވެފައެވެ.
މިލަދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބްލަޑްޒް އެސްސީ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ހުސައިން ޝާފީ އެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ ހުސައިން ސައިފް މޫސާ އެވެ. އިންވޭޑާސް އިން ކާމިޔާބުކުރި ދެ ގޯލް ޖަހައިދިނީ މުޙައްމަދު މައުރޫފް އާއި ކައިސަން ބިން ހިސާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްލަޑްޒް އެސްސީގެ ޝާފީ އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ބްލަޑްޒް އެސްސީގެ ސައިފް އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބްލަޑްޒް އެސްސީގެ އިޔާން އެވެ.
"އެސްޓީއޯ އެމްވައިއެމް ފުޓްސަލް ޗެލެންޖް 2023" މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މުބާރާތުގެ ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ކަނޑައަޅާފައިވާއިރު، ބްރޯންޒް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެލީޓްސް ލޯ އެސޯސިއޭޓްސް އެލްއެލްޕީ އާއި މިލަދޫ ކައުންސިލްގެ އިދާރާ އެވެ.
މުބާރާތުގެ އިތުރު ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު؛ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ތީރު މީޑިއާ، ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓްލައިން، އޮފިޝަލް ކިޓް ޕާޓްނަރުގެ ގޮތުގައި ޕްރިންޓް ކޯ، ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ޓެކްޓްރޯނިކްސް އެމްވީ، ވުޑްގޭޓް ރެސްޓޯރަންޓް، އާއި ޗާއީވާލާ މިލަދޫ އަދި ޒީޓާ ޕާފިއުމް ހިމެނެއެވެ.
