10 ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު އަންހެން އަދި ފިރިހެން ޓީމް އިވެންޓްގެ ޗެމްޕިއަނުން ކަށަވަރުވެއްޖެއެވެ.

މިދިޔަ ޖުލައި މަހުގެ 30 އިން އޮގަސްޓް މަހުގެ 5 ގެ ނިޔަލަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ޓީމް އިވެންޓްގައި 12 އޮފީހަކުން ވާދަކޮށްފައިވެއެވެ. 

މި މުބާރާތުގައި ރޭ ކުޅުނު އަންހެން އަދި ފިރިހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ވެސް އެމްއޭސީއެލް އިންނެވެ. 

ފިރިހެން ޓީމް އިވެންޓްގެ ފައިނަލްގައި ރޭ އެމްއޭސީއެލް އިން ވަނީ ސީދާ ތިން ގޭމުން އެމްޓީސީސީ ބަލިކޮށްފައެވެ. ސިންގަލްސް މެޗުގައި އެމްޓީސީސީގެ އަޒްމަން އަތުން 25-4 އިން އެމްއޭސީއެލްގެ ޚާތިމް ޚަލީލް މޮޅުވިއިރު، ޑަބަލްސްގެ ފުރަތަމަ މެޗުން އެމްއޭސީއެލްގެ ނައުފަލް ޝަރީފް އާއި އިބްރާހިމް ޝާހީންގެ ޕެއާ ވަނީ 25-7 އިން އެމްޓީސީސީގެ ޝަފްރާޒް އާއި އިކްރާމްގެ ޕެއާ ބަލިކޮށްފައެވެ. ޑަބަލްސްގެ ދެވަނަ މެޗުން އެމްއޭސީއެލްގެ އާދަމް އަދީލް އާއި ނާޒިމް ހަސަންގެ ޕެއާ ވަނީ 25-6 އިން މުފްލިހް އާއި މާޒިން އަތުން މޮޅުވެފައެވެ.

ފިރިހެން ޓީމް އިވެންޓްގެ ފައިނަލްގެ ޑަބަލްސް މެޗެއްގެ ތެރެއިން. --ފޮޓޯ: ތީރު މީޑިއާ

މި އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ސީއާރްސީ) އަތުން ބީއެމްއެލް މޮޅުވީ 2-1 އިންނެވެ. ސިންގަލްސް މެޗުގައި ސީއާރްސީގެ އިސްމާއިލް އަޒްމީން އަތުން 25-16 އިން ބީއެމްއެލްގެ އިބްރާހިމް ހުޖާން މޮޅުވިއިރު، ޑަބަލްސް މެޗުގައި ސީއާރްސީގެ ސޮލާހު އާއި އަޒްމާންގެ ޕެއާ ވަނީ 22-16 އިން ބީއެމްއެލްގެ ނޫރްޝާން އާއި ސަމާހުގެ ޕެއާ ބަލިކޮށްފައެވެ. ޑަބަލްސްގެ ދެވަނަ މެޗުގައި ބީއެމްއެލްގެ އިމްރާން އާއި އައިމަންގެ ޕެއާ ވަނީ 21-9 އިން ސީއާރްސީގެ ހާމިދު އާއި ފަހީމްގެ ޕެއާ ބަލިކޮށްފައެވެ.

މުބާރާތުގެ އަންހެން ޓީމް އިވެންޓްގެ ފައިނަލްގައި އެމްއޭސީއެލް އިން ވަނީ ބީއެމްއެލްގެ މައްޗަށް 2-1 އިން ކުރިހޯދާފައެވެ. ޑަބަލްސްގެ ފުރަތަމަ މެޗުން ބީއެމްއެލްގެ ނަސީފާ ސައީދު އާއި ސަހާމަތުގެ ޕެއާ އިން 25-4 އިން އެމްއޭސީއެލްގެ ސީމާ އާއި ސިޔާނާގެ ޕެއާ ބަލިކުރިއިރު، ޑަބަލްސްގެ ދެވަނަ މެޗުން އެމްއޭސީއެލްގެ ފާތިމަތު މުޙައްމަދު އާއި ޝުމާގެ ޕެއާ ވަނީ 25-0 އިން ބީއެމްއެލްގެ ފާތިމަތު ޔުމްނާ އާއި ފަރުހާނާގެ ޕެއާ ބަލިކޮށްފައެވެ. މި އިވެންޓްގެ ސިންގަލްސް މެޗުގައި ބީއެމްއެލްގެ އައިޝަތު ފައިނާޒް އަތުން އެމްއޭސީއެލްގެ އައިމިނަތު ވިދާދް ވަނީ މެޗުގެ ފަހު ބޯޑުގައި ހޯދީ 11 ޕޮއިންޓާއެކު، 16-17 އިން ކުރިހޯދައދީފައެވެ.

އަންހެން ޓީމް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ސްޓެލްކޯ އިން ވަނީ އެމްއައިބީ އަތުން 2-1 އިން މޮޅުވެފައެވެ. މި އިވެންޓްގެ ސިންގަލްސް މެޗުގައި އެމްއައިބީގެ ނަޒީފާ ވަނީ 25-0 އިން ރިފްގާ ބަލިކޮށްފައެވެ. ޑަބަލްސް މެޗުގައި ފާތިމަތު ރަޔާނާ އާއި ޖަނާގެ ޕެއާ 21-13 އިން އެމްއައިބީގެ ޝަހުލާ އާއި ޝަރާގެ ޕެއާ އަތުން މޮޅުވިއިރު، ޑަބަލަސްގެ ދެވަނަ މެޗުގައި ސްޓެލްކޯގެ ނަދާ އާއި އިފާޝާގެ ޕެއާ ވަނީ އެމްއައިބީގެ ސުހައިމާ އާއި ފިރްޝާ އަތުން 13-8 އިން މޮޅުވެފައެވެ.