މާރގޯ ރޮބީ އާއި ރަޔަން ގޮސްލިން ފަދަ ތަރިން ލީޑް ރޯލުން ފެނިގެންދާ ޑައިރެކްޓަރ ގްރެޓާ ގެރްވިގްގެ ފިލްމު ބާރބީ އެންމެ ފަހުން އެއް ބިލިއަން ޑޮލަރުގެ ކްލަބަށް ވަދެއްޖެއެވެ. މި ފިލްމުގެ ތިން ވަނަ ހަފްތާ ބަންދުތެރޭ މިވަނީ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހަމަކޮށްފައެވެ. މިއާއެކު ބާރބީ ފިލުމު ވެގެންގޮސްފަމިވަނީ 9 ވަނައަށް އެންމެ އަވަހަށް ބިލިއަން ޑޮލަރު ހަމަކުރި ހޮލީވުޑް ފިލްމަށެވެ. އަދި ކޮވިޑަށް ފަހު ބޮކްސްއޮފީހުގައި ބިލިއަން ޑޮލަރު ހަމަކުރި 6 ވަނަ ފިލްމަށެވެ. ކޮވިޑަށް ފަހު ބިލިއަން ޑޮލަރު ހަމަކުރި އެހެން ފިލްމުތަކަކީ ސްޕައިޑަރ މޭން: ނޯ ވޭ ހޯމް، ޓޮޕް ގަން: މެވެރިކް، ޖުރޭސިކް ވޯލްޑް: ޑޮމިނިއަން، އެވެޓަރ 2: ދަ ވޭ އޮފް ވޯޓަރ އަދި ދަ ސުޕަރ މާރިއޯ ބްރޯސް އެވެ.

ބާރބީ އަށް ތިއޭޓަރުތަކުގަ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، ބިލިއަން ޑޮލަރަށްވުރެ މަތިން އާމްދަނީ ލިބޭނެކަމަކަށް ކުރިން ހީކުރެވިފައެއް ނެތެވެ. މާރގޯ ރޮބީއަށް ބާރބީ މި ފިލްމު ޕިޗްކުރީ ބިލިއަން ޑޮލަރުގެ ޚިޔާލެއްގެ ގޮތުގައި ނަމަވެސް ފިލްމަށް މިވަރު ބޮޑު ތަރުހީބެއް ލިބޭނެކަމަކަށް ދައިރެކްޓަރުވެސް އަދި ޚުދު މާރގޯވެސް ޚިޔާލުކޮށްފައެއް ނެތެވެ.

މިހާރު ބެލެވޭ ގޮތުން ބާރބީ ވެގެންދާނީ ދުނިޔޭގެ ބޮކްސް އޮފީހުގައި މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދާ ފިލްމަށެވެ. މިހާތަނަށް މިއަހަރުގެ އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ ގޮތުގައި އޮތީ 1.35 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ދަ ސުޕަ މާރިއޯ ބްރޯސް ފިލްމެވެ.

މީގެ އިތުރުން، ފާހަގަކޮށްލަންޖެހޭ ވަރަށް މުހިއްމު ކަމެއް އެބައޮތެވެ. އެއީ ބާރބީ ފިލުމު ބިލިއަން ޑޮލަރު ހަމަކުރުމާއެކު ބިލިއަން ޑޮލަރ ކްލަބަށް ވަދެވުނު ފުރަތަމަ އަންހެން ޑައިރެކްޓަރަކަށް ގްރެޓާ ގެރްވިގް ވެފައިވާކަމެވެ. މިއީ އަންހެނުންނަށް ފިލްމީ ދާއިރާގައި ލިބުނު ބޮޑު ކުރިއެރުމެއްކަން ޔަޤީނެވެ. މީގެ އިތުރުން، ތިން ވަނަ ފިލްމުން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ހަމައެކަނި ޑައިރެކްޓަރަކީ ވެސް މިހާރު ގްރެޓާއެވެ.

ބާރބީ އަކީ މާރގޯ ރޮބީ އާއި ރަޔަން ގޮސްލިންގެވެސް ބިލިއަން ޑޮލަރުގެ ކްލަބަށް ވަދެފައިވާ ފުރަތަމަ ފިލްމެވެ. 

ބާރބީ އާއެކު ރިލީޒްކުރި ބޮޑު ފިލްމެއް ކަމަށްވާ އޮޕެންހައިމަރ އާއި މި ދެ ފިލްމު ވެސް ރިލީޒް ކުރީ މަޝްހޫރު އެކްޝަން ފްރެންޗައިޒް މިޝަން އިމްޕޮސިބްލްގެ އާ ފިލްމު، ޑެޑް ރެކޮނިން ޕާޓް 1 ނެރުނުތާ ހަފްތާއެއް ފަހުންނެވެ. އެހެންކަމުން ބާރބީ އާ އޮޕެންހައިމަރ ގެ އާމްދަނީއަށް ހިޔަނިއެޅޭނެކަމަށް އޮތީ ކުރިން ހީކުރެވިފައެވެ. އެހެންނަމަވެސް ބާބީ އަށް ބިލިއަން ޑޮލަރު ހަމަވެ އޮޕެންހައިމަރއަށްވަނީ 500 މިލިއަން ޑޮލަރު ހަމަވެފައެވެ.

އެކަމަކު ޓޮމްކްރޫޒްގެ މަޝްހޫރުކަމާ އަދި މިޗަން އިމްޕޮސިބްލް ފްރެންޗައިޒްގެ ބޮޑު ފޭންބޭސްއާއެކުވެސް، މިޝަން އިމްޕޮސިބަލްގެ އާ ފިލްމަށް އަދިވެސް 500 މިލިއަން ޑޮލަރު ހަމައެއް ނުވެއެވެ.