ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާ ޖަވާން އަކީ މިއަހަރު ނެރެންހުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުންދާ އެއް ފިލމުކަން ޔަޤީނެވެ. ޝާހްރުކް ޚާން އާއި އެޓްލީ ގުޅިގެން މަސައްކަތްކުރާނެކަން އިއުލާން ކުރީއްސުރެ ޚާއްސަކޮށް ޝާހްރުކްގެ ފޭނުން އަންނަނީ މި ފިލްމަށް ވަރަށް އުއްމީދާއެކު އިންތިޒާރު ކުރަމުންނެވެ. އެޓްލީ ޑައިރެކްޓްކުރާ މި ފިލްމުގެ ޕަރވިއު ކުރިން ދައްކާލާފަވާއިރު މުހިންމު ރޯލތަކުން ފެންނާނެ މީހުންގެ ކޮންމެވެސް ވަރެއްގެ ހިލަމެއް އޮތީ ވެފައެވެ. މިހާރު ފިލްމަށް އެންމެ މަހެއްހާ ދުވަހަށް ވެފައިވަނިކޮށް، ޖަވާންގެ އާ ޕޯސްޓަރެއް ނެރެގެން ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ކައުންޓްޑައުން ފަށާފައެވެ.
މީގެ އިރުކޮޅެއް ކުރިން މި ޕޯސްޓަރު ރިލީޒްކުރީ ޝާހްރުކްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުންނެވެ. ޕޯސްޓަރުން ފެންނަނީ ބޮލޫގެ ހުރިހާ އިސްތައްޓެއް ބާލާފަ ހުރި ޝާހުއެކެވެ. ކުރިން ރިލީޒްކުރި ޕޯސްޓަރުގަ ފެންނަ އޭނާގެ ބެންޑޭޖްޑް ލުކް ވެސް އާ ޕޯސްޓަރުގެ ބެކްގްރައުންޑުން ފެނެއެވެ. ޕޯސްޓަރުގެ ކެޕްޝަންގައި ލިޔެފައިވަނީ "މެއިން އައްޗާ ހޫން، ޔާ ބުރާ ހޫން... 30 ޑޭސް ޓު ފައިންޑް އައުޓް. ރެޑީ އޭއެޗް؟
ޖަވާން އަކީ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ޕްރެޒެންޓްކުރާ، އެޓްލީ ޑައިރެކްޓްކުރާ އަދި ގައުރީ ޚާނާއި ގޯރަވް ވަރްމާ ކޯ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމަކީ ޝާހްރުކް ޚާނާއި އެޓްލީ އެކީގަ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ނަޔަންތަރާ، ވިޖޭ ސެތޫޕަތީ، ސާނިޔާ މަލްހޯތްރާގެ އިތުރުން ޕްރިޔާމަނީ ކާސްޓުންގެ ލިސްޓްގައި ހިމެނޭ މި ފިލްމުން އެކްޓްރެސް ދީޕިކާ ޕާޑުކޯންވެސް ޚާއްސަ ފެނިލުމެއްގެ ގޮތުގައި ފެނިގެންދާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 7 ސެޕްޓެމްބަރު 2023 ގައި، މި ފިލްމު ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުން ރިލީޒް ކުރާނެއެވެ.
