ނީނާގެ ޓްރެއިލަރ ފުރަތަމަ ފެނިލުމާއެކުވެސް މި ފިލްމު ބަލާލާ ހިތުން ހުރީ ކެތްމަދުވެފައެވެ. ތިން އަހަރުގެ ދިގު އިންތިޒާރަކަށް ފަހު މި ‏‏ފިލްމު ރޭ އޮލިމްޕަހުގައި އަޅުވާފައިވާއިރު އަޅުގަނޑަށް ވަނީ މި ފިލްމު ބަލާލުމުގެ ފުރުސަތު ލިބިފައެވެ. ފުރަތަމަ އޮލިމްޕަހަށް ވަން އިރުވެސް ‏‏މުޅި އޮލިމްޕަސްހެން އޮތީ އެއްކޮށް ފުރިފައެވެ. ޕްރިމިއަރ ނައިޓުން ރާއްޖޭގެ މަޝްހޫރު އެތައް ފަންނާނުންތަކެއް ފެނިގެން ދިޔައެވެ. ފިލްމު ‏‏ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އެ ފިލްމުގެ ގިނަ ކާސްޓު މެމްބަރުން ބައިވެރިވެފައިވާ އިރު އެ މީހުންގެ ފަރާތުން ވަނީ މި ފިލްމު ‏‏ބަލަން ކެތްމަދުވެފައިވާ މީހުންނަށް ވަރަށް ވެސް ބޮޑު ޝުކުރެއް އަދާކޮށްފައެވެ. މި ފިލްމު ފެށުމާއި އެކު މުޅި އޮލިމްޕަސް ގުގުމާލީ މީހުންގެ ‏‏ހަޅޭކުގެ އަޑާއި ހިތްވަރު ދިނުމުގެ އަޑުންނެވެ. ފިލްމު ކުރިޔަށް ދިޔަ ވަރަކަށް އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުނުކަން ފާހަގަ ވެގެން ‏‏ދިޔައެވެ. އަނެއްބަޔަކު ފިލްމަށް ތަރުހީބު ދިނުމުގައި ދެމި ތިބިއެވެ.
މި ފިލްމު ބިނާ ވެފައި ވަނީ ވަރަށްވެސް ހިތްވަރުގަދަ އަދި "ގަޓު" އަންހެނެއްގެ މައްޗަށެވެ. މި ފިލްމުން ފެނިގެންދަނީ އެ އަންހެން މީހާގެ އާއިލާއަށް ބަޔަކުގެއްލުންދިނުމުން އޭގެ ބަދަލެއްގެ ގޮތުން އޭނާ ކުރާ ކަންތައްކެވެ. މ ފިލްމުގައި ނީނާގެ ރޯލުން ފެނިގެންދާ ނުޒުހަތު ޝުއައިބް ވަނީ މި ރޯލް ވަރަށްވެސް ފުރިހަމައަށް އަދާ ކޮށްފައެވެ. މި ފިލްމުން ބެލުންތެރިން ނޭވާ ހިފަހައްޓާލަންޖެހޭ އެތައް މަންޒަރެއް ފެނިގެންގޮސްފައިވާ އިރު މި ފިލްމުން ވަރަށް ގިނަ އިބުރަތްތައް ހާސިލުވެގެން ދިޔަކަމަށް މި ފިލްމު ބެލި ގިނަ ބަޔަކު ފާހަގަ ކޮށްފައިވެއެވެ. އަދި އެމީހުން އިތުރަށް ފާހަގަ ކުރި ގޮތުގައި މި ފިލްމަކީ އެ މީހުން މިހާތަނަށް ބަލާފައިވާ ދިވެހި ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު އަދި އެންމެ "ފައްކާ" އެއް ފިލްމެވެ.
‏މިއީ އިލިޔާސް ވަހީދު ޑައިރެކްޓުކުރި ދެވަނަ ދިވެހި ފިލްމެވެ. އޭނާ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމަކީ ބަވަތިއެވެ. ބަވަތި ފިލްމު ވެގެން ‏‏ގޮސްފައިވަނީ އާންމުންގެ ތެރޭގައި ވަރަށްވެސް މަގުބޫލް ފިލްމަކަށެވެ. ބަވަތި އެކޭ އެއްގޮތަށް ނީނާ ފިލްމަކީވެސް ވަރަށް ތަފާތު ‏‏ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވަނީވެސް ހަމަ އިލިޔާސް ވަހީދެވެ. މި ފިލްމުގެ ވާހަކައަށް ބަލާލާއިރު މިއީ އާންމުކޮށް ރާއްޖެއިން ‏‏ފެންނަ ފިލްމުތަކުގެ ވާހަކަތަކާ ވަރަށް ތަފާތު އަދި މޮޅު ވާހަކައެއްކަން ފާހަގަކޮށް ނުލާ ދޫކޮށްލުމަކީ ކުރެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ނޫނީ ‏‏ނުވާނެއެވެ.‏‎ ‎
‏ދެން މި ފިލްމުގެ މިއުޒިކަށް ބަލާލަމާ ތޯއެވެ. މި ފިލްމުގެ މިއުޒިކް ވެގެން ދާނީ ދިވެހިންގެ އާންމު ބަހުންނަމަ "ހަބޭސް" މިއުޒިކަކަށެވެ. ‏‏މިކަމުގެ އައްސަރިބަހާއި ސާބަސް ހައްގު ވެގެން ދަނީ މި ފިލްމުގެ މިއުޒިކް ތައްޔާރު ކުރި ހުސެއިން ތައުފީގަށެވެ.  ވަރަށް ވެސް މޮޅު އަދި ‏‏އަޑު އަހާލަން ފަސޭހަ މިއުޒިކެއް ހިމެނޭ މި ފިލްމުގެ ސިނަމެޓޮގްރަފީ އަށް ބަލާ ނަމަ ފާހަގަ ކޮށްލަން ޖެހޭނީ އިބްރާހިމް ވިސާން (ކަނޑި) ގެ ‏‏މޮޅުކަމުގެ ވާހަކައެވެ. މި ފިލްމުގެ ސިނަމެޓޯގްރަފީ އެހާވެސް ފުރިހަމައެވެ.‏‎ ‎
‏މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ލާމު އަތޮޅުގެ ރީތި ރަށްތަކުގައެވެ. މި ފިލްމުން ފެނިގެންދާ އެކްޓަރުނަށް ބަލާލާއިރު ނުޒުހަތު ‏‏ޝުއައިބް، ޝަރަފް އަބްދުﷲ އަދި މުހައްމަދު ޖުމެއިލްގެ އިތުރުން ކުރީގެ މަޝްހޫރު އެކްޓަރުން ކަމަށްވާ މަރިޔަމް ރަޝީދާ، މަރިޔަމް ‏‏ޝަކީލާ އަދި ނަތާޝާ ޖަލީލް ވެސް ފާހަގަކޮށްލެއެވެ. މިއިން ކޮންމެ ތަރިއެއްގެ ފަރާތުން ފެނިގެންގޮސްފައިވާ އެކްޓިންއަށްވެސް ހަމަ ‏‏ހަގީގަތުގައިވެސް ތައުރީފް ހައްޤެވެ. ދެން ފާހަގަ ކޮށްލަން ޖެހޭނީ މި ފިލްމުގައި ފެނިގެންދާ ސްޓަންޓުތަކަކީ ހަމަ އެ ތަރިން އަމިއްލައަށް ‏‏ޖައްސާފައިވާ ސްޓަންޓްތައް ކަމެވެ. މި ސްޓަންޓުތައް ހެދުމުގައި އެއްވެސް ކަހަލަ ވަލެއް ނުވަތަ އެހެން އެއްވެސް އެއްޗެއްގެ ބޭނުން ‏‏ކޮށްފައި ނުވާނެކަމަށް ފިލްމުގެ ޓީމުގެ ފަރާތުން ވަނީ ހާމަކޮށްފައެވެ‏‎.‎
‏ދެން އޮތް ސުވާލަކީ މި 3 އަހަރުގެ ދިގު އިންތިޒާރުގެ ނިމުން ހިތިހެއްޔޭ ނުވަތަ ފޮނި ހެއްޔޭއެވެ. އަޅުގަނޑަށް ހަމަ ގައިމުވެސް މި ‏‏އިންތިޒާރުގެ ނިމުން ވަރަށްވެސް ފޮނިއެވެ. ބާކީ އޮތް ބައި ތިބޭފުޅުންނަށް ދޫކޮށްލަމެވެ.‏
‏ނިންމާލަމުން ބުނެލަން އޮތީ މި ފިލްމަކީ އަޅުގަނޑު ބެލި ދިވެހި ފިލްމުތަކުގެ ތެރެއިން ވެސް މިހާތަނަށް އަޅުގަނޑަށް އެންމެ ކަމުދާ އެއް ‏‏ފިލްމޭއެވެ. ސަބަބު ވަރަށްވެސް ގިނައެވެ. އެގޮތުން މި ފިލްމުގެ ވާހަކަ އާއި މި ފިލްމުގެ ތަރިންގެ ތަފާތު އެކްޓިން އަކީ މި ދރންނެވި ސަބަބުތަކުގެ ތެރެއިން ބައެއް ‏‏ސަބަބުތަކެވެ. ‏
‏މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ ނީނާ ފިލްމަކީ ކޮންމެ މީހަކުވެސް ބަލާލަން ޖެހޭ ވަރަށްވެސް މޮޅު ފިލްމެއްކަމެވެ.

https://youtu.be/aLMujpPhQIQ