32 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ކުޅުން ފަށައިފިއެވެ.

އިއްޔެ ފެށި މި ފަހަރުގެ ގައުމީ ކެރަމް މުބާރާތުގައި ހުރިހާ އިވެންޓެއްގައި ގާތްގަނޑަކަށް 200 އެއްހާ ކުޅުންތެރިން ވާދަކުރާނެ އެވެ. 

އެހެން އަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ ގައުމީ މުބާރާތުގައި ވެސް ދެ ޑިވިޝަނަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މެޗުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާ ގައެވެ.

މިއަހަރުގެ މުބާރާތުގައި މިކްސް ޑަބަލްސް، އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސްގެ އިތުރުން ޓީމް އިވެންޓްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލްގައި ވާދަކުރާ ޕެއާ ތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން، މިރޭ ކުޅުމަށް ހަމަޖެހިފައިވާ މިކްސް ޑަބަލްސްގެ ފައިނަލްގައި އަހުމަދު އަޝްރަފް އާއި ފާތިމަތު މުޙައްމަދު ސައީދުގެ ޕެއާ ބައްދަލުކުރާނީ އަލީ ސުޖާއުއާ އައިޝަތު ޝަރާގެ ޕެއާ އެވެ.