32 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ރޭ ކުޅުނު މެޗުތަކަށްފަހު މިކްސް ޑަބަލްސް ޗެމްޕިއަންކަން އަލީ ސުޖާއުއާ އައިޝަތު ޝަރާގެ ޕެއާ ހޯދައިފިއެވެ.
މި މަހުގެ 8 އިން 12 ގެ ނިޔަލަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ފަހަރުގެ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ މިކްސް ޑަބަލްސް އިވެންޓްގައި 30 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކޮށްފައިވެއެވެ.
މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލްގައި ރޭ ސުޖާއުއާ ޝަރާގެ ޕެއާ ވަނީ 25-11 އިން އަހުމަދު އަޝްރަފް އާއި ފާތިމަތު މުޙައްމަދު ސައީދުގެ ޕެއާ ބަލިކޮށްފައެވެ.
މި އިވެންޓްގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި އަހުމަދު މުފްލިހު އާއި އާމިނަތު ސިޔާމާގެ ޕެއާ ވަނީ 18-8 އިން ޒުލޭޚާ ލީން ހުސެއިންއާ އަހުމަދު ޝާބިން ހުސެއިންގެ ޕެއާ އަތުން މޮޅުވެފައެވެ.
މި މުބާރާތުގައި މިއަދު ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓްގެ މެޗުތަކެވެ.
