އަޔުޝްމާން ޚުރާނާގެ ކުރިއަށް އޮތް ފިލްމު ޑްރީމްގަރލް 2 ގެ ފުރަތަމަ ލަވަ 'ދިލް ކާ ޓެލެފޯން 2.0' ރިލީޒްކޮށްފިއެވެ. މިއަދު ރިލީޒް ކުރި މި ލަވައިން އަޔުޝްމާންގެ އިތުރުން ފިލްމުގެ ލީޑް އެކްޓްރެސް އަނަންޔާ ޕާންޑޭވެސް ފެނިގެންދެއެވެ.
މި ލަވަޔަކީ 2019 ވަނަ އަހަރު ރިލީޒްކުރީ މީގެ ފުރަތަމަ ފިލްމު 'ޑްރީމް ގަރލް" ގަ ހިމެނުނު މި ލަވައިގެ ރީމިކްސްޑް ވަރޝަންއެކެވެ. ކުމާރް ގެ ލިރިކްސްއާ މީޓް ބްރޯސްގެ މިއުޒިކަށް މި ލަވަ ކިޔާފަވަނީ ޖޮނީތާ ގާންދީއާއި ޖުބިން ނޯޓިޔާލްއެވެ. މީޓް ބްރޯސްގެ އަޑުވެސް ލަވައިން އިވިގެންދެއެވެ.
އޭކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ރާޖް ޝާންދިލިއާއެވެ. މިއީ އެކްޓްރެސް އަނަންޔާ ޕާންޑޭ އަޔުޝްމާނާ އެކީ ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
ޑްރީމް ގަރލްގެ ފުރަތަމަ ފިލްމު ނެރުނީ 2019 ވަނަ އަހަރުގައެވެ. އެއީ ރާޖް ޝާންދިލިޔާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމުވެސް މެއެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނުނީ އަޔުޝްމާނާއެކު ނުޝްރަތް ބަރޫޗާއެވެ. 28 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސްއޮފީހުގަ 200 ކްރޯޑަށްވުރެ ބޮޑު އާމްދަނީއެއް ވަނި ލިބިފައެވެ.
ޑްރީމްގަރލް 2' ގެ ބަޖެޓަކީ 35 ކްރޯޑް ރުޕީސްކަމަށްވެއެވެ.
'ޑްރީމްގަރލް 2' ގެ ކާސްޓުންގެ ތެރޭގައި އަޔުޝްމާނާއި އަނަންޔާގެ އިތުރުން ޕަރޭޝް ރާވަލް، އަސްރަނީ، އަންނޫ ކަޕޫރް، އަބިޝޭކް ބެނަރްޖީ، މަންޖޯތް ސިންގް، ރާޖްޕަލް ޔާދަވް، މަނޯޖް ޖޯޝީ، ސީމާ ޕަހްވާ އަދި ވިޖޭ ރާޒް ވެސް ހިމެނެއެވެ.
'ޑްރީމް ގަރލް 2' ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި މަހު 25 ގައެވެ.
