ޑޯން ފިލްމު ސީރީޒް ދެން ލީޑް ކުރާނީ ރަންވީރް ސިންގްކަމަށް ފަރްހާން އަޚްތަރް ވަނީ އެނައުންސްކޮށްފައެވެ.

މިއާއެކު ރަންވީރް ވަނީ އިންސްޓަގްރާމް ޕޯސްޓަކާއެކު މިކަން ކަށަވަރުކޮށްދީ ޑޯންގެ ރޯލު ލިބުމަކީ ވަރަށް އުފާވާ ކަމެއްކަމަށާ މި ރޯލު ކުޅުމަކީ ވަރަށް ބޮޑު ހުވަފެނެއްކަން ހާމަކޮށްފައެވެ.

ޝާހްރުކްޚާން ކުރިން ޑޯން ސީރީޒްގެ ފިލްމުތަކުން ފެނިފައިވާއިރު އޮރިޖިނަލް ޑޯންއަކީ އަމިތާބް ބައްޗަންއެވެ. އަމިތާބްގެ ޑޯން ފިލްމު ރިލީޒްކުރީ 1978 ވަނަ އަހަރުގައެވެ. ޝާހު ފުރަތަމަ ޑޯންގެ ގޮތުގައި ފެނިގެންދިޔައީ 2006 ވަނަ އަހަރު ރިލީޒްކުރި ޑޯން: ދަޗޭސް ބިގިންސް އެގެއިން އިންނެވެ. އެއަށްފަހު 2011 ވަނަ އަހަރުގެ ޑޯން-2 ގަވެސް ޑޯންގެ ރޯލު އަދާކުރީ ޝާހުއެވެ. ޑޯން 3 ގަ މި ރޯލުން ރަންވީރް ފެނިގެން ދާން ހަމަޖެހުމާއެކު އޭނާ ވެގެންދާނީ މި މަޝްހޫރު ކެރެކްޓަރ ބޮޑު ސްކްރީންގަ ކުޅޭ ތިންވަނަ އެކްޓަރަށެވެ.

އޮރިޖިނަލް ޑޯން ފިލްމުގެ ލީޑް އެކްޓްރެސް ޒީނަތް އަމާންވަނީ މިކަމާ ގުޅިގެން ރަންވީރަށް މަރުހަބާ ކިޔާފައެވެ. އަމިތާބް ޑޯންގެ ރޯލުން ފެނުނު ފިލމުގަ ރޯމާ ނުވަތަ ޖަންގްލީ ބިއްލީ ގެ ރޯލު އަދާކުރީ ޒީނަތެވެ.

 ޝާހުގެ ޑޯން ފިލްމްތަކުގަ މި ރޯލުން ފެނުނީ ޕްރިޔަންކާ ޗޯޕްރާއެވެ. އެދުވަސްވަރު ޝާހުއާއި ޕްރިޔަންކާއާ ދެމެދު ލޯބީގެ ގުޅުމެއް އުފެދުނުކަމަށްވެސް އަޑުތައް އެރިއެވެ. 

 

ރިތޭޝް ސިދްވާނީ ޕްރޮޑިއުސްކޮށް ފަރްހާން އަޚްތަރް ޑައިރެކްޓް ކުރާ މި ފްރެންޗައިޒްގެ 3 ވަނަ ފިލްމުގަ ރަންވީރާއެކު ރޯމާގެ ރޯލުން ފެންނާނީ ކޮން އެކްޓްރެސްއެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ނަމަ މި ރޯލުން ކިއާރާ އަދްވާނީ ފެނުން ގާތެވެ. މިހަފްތާގަ ދެ ފަހަރެއްގެ މަތިން ކިއާރާ ރިތޭޝް ސިދްވާނީއާއި ފަރްހާން އަޚްތަރާ ބައްދަލުކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.