އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ބާންލީ ކޮޅަށް ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ވައްދާލި ދެ ލަނޑާއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން 3-0 ގެ ތަފާތަކުން ހޯދީ މޮޅާއެކު ފަށައިފިއެވެ.

ރޭގެ މެޗުގައި ސިޓީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މި ދެ ލަނޑުވެސް ކާމިޔާބުކުރީ ނިމިދިޔަ ސީޒަނުގައި ރެކޯޑް 52 ގޯލް ޖަހައިދިން ހާލަންޑް އެވެ.

ބާންލީގެ ޓާފް މޫރ ގައި ރޭ ކުޅުނު މި މެޗު ފެށިގެން 185 ވަރަކަށް ސިކުންތުގެ ތެރޭގައި އެ ޓީމުގެ ފުރަތަމަ ލަނޑު، ހާލަންޑް ޖަހައިދިނީ ރޮޑްރީ ބޮލުން ޖައްސާލި ޕާހަކުންނެވެ. އަދި އޭގެފަހުން، މެޗުގެ 36 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑުޖެހީ ހޫލިއަން އަލްވަރޭޒް ދިން ބޯޅައަކުންނެވެ.

ފުރަތަމަ ހާފުގެ ކުޅުން ފެށިތާ 23 މިނެޓުފަހުން، ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކޮށްފައިވާއިރު، އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ކްރޮއޭޝިއާގެ މިޑްފީލްޑަރު، މަޓެއޯ ކޮވެސިޗް އެވެ. 

މި މެޗުގައި ސިޓީން ޖެހި ތިންވަނަ ލަނޑު، 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮޑްރީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބާންލީގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ރޮޑްރީ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ އިތުރުވަގުތުގައި ސިޓީގެ ފުލްބެކް، ކައިލް ވޯކާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ބާންލީގެ އަނާސް ޒަރޫރީ އަށް ސީދާ ރަތެއް ދައްކާފައެވެ. މި ފައުލަށް ރެފްރީ ފުރަތަމަ ރީނދޫ ކާޑެއް ދެއްކުމަށްފަހު، ވީއޭއާރް އިން ބެލުމަށްފަހު ވަނީ އެ ނިންމުން ބަދަލުކޮށް ރަތް ކާޑު ދައްކާފައެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުތަކުގެ ތެރޭގައި؛ ނޮޓިންހަމް ފޮރެސްޓާ އާސެނަލް ބައްދަލުކުރާ މެޗާއި، ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި އެސްޓަން ވިލއާ ދެކޮޅަށް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.