މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، އޮސްޓްރޭލިއާ އާއި އިންގްލެންޑުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އޮސްޓްރޭލިއާ އިން ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި އެ ޓީމަކީ 2003 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ހޯސްޓުގެ ގޮތުގައި ސެމީން ޖާގަ ހޯދި ފުރަތަމަ ޓިމު ވެސް މެއެވެ.

އޮސްޓްރޭލިއާ އިން ވަނީ ޕެނަލްޓީ ޖަހައިގެން 7-6 އިން ފްރާންސް ބަލިކޮށްފައެވެ. އިންގްލެންޑުން ވަނީ 2-1 އިން ކޮލަމްބިއާ އަތުން މޮޅުވެފައެވެ.

ބްރިސްބޭން ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގެ ފުރިހަމަވަގުތާއި، އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

އޮސްޓްރޭލިއާ އާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

ފްރާންސަށް މި މެޗުގައި ލަނޑެއްޖަހައިދޭން ލިބުނު ފުރަތަމަ ފުރުޞަތުގައި ކަޑިޑިއާޓޫ ޑިއާނީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ކުރިމަތިން ހުރަސްވެގެންނެވެ. އޮސްޓްރޭލިއާ އަށް ލަނޑެއްޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ފުރަތަމަ ހާފު ނިމެންދަނިކޮށް އެ ޓީމުގެ ޒުވާން ފޯވާޑް، މޭރީ ފައުލާ ފޮނުވާލި ބޯޅަ ފްރާންސްގެ ޑިފެންޑަރު އެލީސާ ޑެ އަލްމެއިޑާ ވަނީ ދިފާއުކޮށްފައެވެ. އޭގެފަހުން، ފައުލާ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ފްރާންސްގެ ގޯލްކީޕަރު ޕައުލީން ޕެރޯޑް-މައިގްނޯން ހުއްޓުވިއެވެ. ދެވަނަ ހާފު ފެށިގެން ވެސް އޮސްޓްރޭލިއާ އިން ޑޮމިނޭޓްކުރަމުންދިޔައިރު، އެ ޓީމުގެ ކެޕްޓަން އަދި ތަރި ސޭމް ކާރ ކުޅެން ނެރުމާއެކު އެޓޭކްތައް އިތުރަށް ވަރުގަދަވިއެވެ. އެގޮތުން، އޭނާ ކުޅެން ނިކުމެ ތަނަވަސްކުރި ފުރަތަމަ ފުރުޞަތުގައި އެ ޓީމުގެ ހޭލީ ރާސޯ ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު ޕެރޯޑް-މައިގްނޯން މަތަކުރިއެވެ. 

މި މެޗުގެ ފުރިހަމަވަގުތު ހަމަވިިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ދެން ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ފްރާންސުން ގޯލެއް ކާމިޔާބުކުރިނަމަވެސް، ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ އެ ބޯޅަ ފޮނުވާލުމުގެ ކުރީން އޮސްޓްރޭލިއާގެ އަލާނާ ކެނެޑީ އަށް ފްރާންސްގެ ކެޕްޓަން ވެންޑީ ރެނާޑް ފައުލްކުރުމުންނެވެ. އިތުރުވަގުތުގެ ކުޅުމަށްފަހު ނަތީޖާ އަށް ބަދަލެއްނައުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން ފުރަތަމަ ފޮނުވާލި ފަސް ޕެނަލްޓީގެތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. އޭގެފަހުން، ދެން ފޮނުވާލި ފަސް ޕެނަލްޓީގެތެރެއިން އޮސްޓްރޭލިއާ އިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އޭގެތެރެއިން ފްރާންސަށް ވައްދާލެވުނީ އެންމެ ތިން ޕެނަލްޓީ އެވެ.

އޮސްޓްރޭލިއާ އިން މޮޅުވި ޕެނަލްޓީ، ކޯޓްނީ ވައިން ފޮނުވާލިއިރު އެ ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޓްލިން ފޫރޑް، ކާރ، ފައުލާ، ކެޓްރީނާ ގޮރީ، ޓަމެކާ ޔަލޮޕް އަދި އެލީ ކާޕެންޓާ އެވެ. އެ ޓީމަށް ނާކާމިޔާބުވީ ސްޓެފް ކެއިޓްލީ އާއި ކްލެއާ ހަންޓް އަދި ގޯލްކީޕަރު މެކެންޒީ އާނޯލްޑް ފޮނުވާލި ޕެނަލްޓީ އެވެ.

އިންގްލެންޑް މޮޅުވި ލަނޑުޖަހައިދިނުމަށްފަހު އަލެސިއާ ރުސޯ އުފާ ފާޅުކުރަނީ. --ފޮޓޯ: ޕީއޭ

ފްރާންސަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޑިއާނީ، ރެނާޑް، ޔުޖިނީ ލެ ސޮމެއާ، ގްރޭސް ގެޔޯރޯ އާއި ސަކީނާ ކަޝާއުއީ އަދި މައީލް ލަކްރާރް އެވެ. އެ ޓީމުގެ ސެލްމާ ބަޝާ، އީވް ޕެރިސޭ އާއި ކެންޒާ ޑާލީ އަދި ވިކީ ބެޗޯ އަށް ޕެނަލްޓީ ކާމިޔާބުނުކުރެވުނެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި ކޮލަމްބިއާގެ ލިންޑާ ކައިސޭޑޯ ދިން ބޯޅައަކުން ލެއިސީ ސަންޓޯސް އެ ޓީމަށް ލީޑްނަގައިދީފައިވަނިކޮށް މި ހާފުގެ އިތުރުވަގުތުގައި އިންގްލެންޑަށް އެއްވަރުކޮށްދިނީ ލޯރެން ހެމްޕް އެވެ. މިއީ ކޮލަމްބިއާގެ ގޯލްކީޕަރު، ކެޓަލީނާ ޕެރޭޒް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ހެމްޕް ކާމިޔާބުކުރި ގޯލެކެވެ.

އިންގްލެންޑުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދާދިފަހުން އާސެނަލްގެ ވިމެންސް ޓީމާ ގުޅުނު އަލެސިއާ ރުސޯ އެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި ދެވަނަ ގޯލެވެ.

ސެމީގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ސްވިޑެންއާ ސްޕެއިން ބައްދަލުކުރާއިރު އޭގެ އެއް ދުވަސް ފަހުން އިންގްލެންޑް ނިކުންނާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އޮސްޓްރޭލިއާ އާ ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ ހެނދުނު ރާއްޖޭގަޑިން 8 ޖަހާއިރު އެވެ.