މިދިޔަ އޮކްޓޯބަރ މަސްތެރޭގައި ބޮލީވުޑަށް އަލްވަދާޢު ކިއުމަށްފަހު މުޅި ދިރިއުޅުން ތަފާތު މިސްރާބަކަށް ބަދަލުކޮށްލި ރީތި ބަތަލާ ސަނާ ޚާން ކައިވެނިކޮށްފިއެވެ. ސަނާ ކައިވެނި ކުރީ ގުޖްރާތުގެ މުފްތީ އަނާސް އާއެވެ. ގުޖްރާތުގެ ސޫރަތުގައި އޮތް ކައިވެނީގެ ރަސްމިއްތާތުގައި ބައިވެރިވެފައިވަނީ އާއިލާގެ ވަރަށް ގާތް މީހުން އެކަންޏެވެ.

ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި ހުރި ސަނާ އާއި މުފްތީ ސިޑިއަކުން ފައިބައިގެން އައިސް ކައިވެނީގެ ކޭކެއް ފަޅާ ވީޑިއޯ ވަނީ ސޯޝަލް މީޑިޔާގއި އާންމުވެފައެވެ. ސަނާ އަށް ސަޕޯޓްކުރާ ގިނަ ބަޔަކު މި ވީޑިއޯއަށް ފަހު އެ ދެމަފިރިންނަށް ކައިވެނީގެ ހެޔޮއެދުން ތައް ދަނީ ފޮނުވަމުންނެވެ. ސަނާ އަކީ ފިލްމުތަކުގައި ކުދި ކުދި ރޯލްތައް ކުޅެގެން މީހުންގެ ހިތްތަކުން ޖާގަ ހޯދި ފަންނާނެކެވެ. ނަމަވެސް އެންމެ ބޮޑު މަޤްބޫލު ކަމެއް ލިބިގެން ދިޔައީ ބިގް ބޮސް-6 ގެ ތެރެއިންނެވެ.

ސަނާ ބޮލީވުޑް ދޫކޮށްލުމަށްފަހު ސޯޝަން މީޑިޔާގެ ޒަރީއާއިން މީހުން ހެޔޮމަގަށް އެޅުވުމަށް ބާރު އަޅާ ނަސޭހަތްތެރިވުމުގެ ގޮތުން ކުރު ވީޑިއޯތައް އަންނަނީ އާންމު ކުރަމުންނެވެ.

ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން އިސްލާމީ އުސޫލުތަކާ ނުގުޅޭ ކަންކަން ހިމެނޭކަމަށްބުނެ، ފަހުގެ ތާރީޚެއްގައި މި ދާއިރާގައި ދުރުވި ފަންނާނުންގެ ތެރޭގައި ސަނާގެ އިތުރުން، ދަންގަލްއިން ވިދާލި ޒާއިރާ ވަސީމް އަދި އާތިފް އަސްލަމް ހިމެނެއެވެ.