32 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ރޭ ކުޅުނު މެޗުތަކަށްފަހު އަންހެން، ފިރިހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓްގެ ޗެމްޕިއަނުން ކަށަވަރުވެއްޖެއެވެ.

މި މަހުގެ 8 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް އިވެންޓްގައި 24 ކުޅުންތެރިން، ފިރިހެން ސިންގަލްސް ބައިގައި 43 ކުޅުންތެރިންނާއި، ފިރިހެން ޑަބަލްސް ބައިގައި 36 ކުޅުންތެރިން އަދި އަންހެން ޑަބަލްސް ބައިގައި 22 ކުޅުންތެރިން ކުޅެފައިވެއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މި ފަހަރުގެ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ރޭ ކުޅެވުނު އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަސީފާ ސައީދު ހޯދިއިރު، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހިމް ޝާހީން އެވެ.

ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ފައިނަލްގައި އަލީ ސުޖާއުއާ ދެކޮޅަށް އިބްރާހިމް ޝާހީން (މ) ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ތީރު މީޑިއާ

އަންހެން ސިންގަލްސް ފައިނަލްގައި ރޭ ނަސީފާ ވަނީ 25-5 އިން އައިޝަތު ޝަރާ އަތުން މޮޅުވެފައެވެ. ނަސީފާ ވަނީ އެންމެ ފަހުގެ އިންޓަ އޮފީސް ކެރަމް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ކުޅެފައެވެ. އެ މުބާރާތުގެ ފައިނަލްގައި ބަލިވި ފާތިމަތު ޔުމްނާ އަތުން ގައުމީ ކެރަމް މުބާރާތުގެ ސެމީ ފައިނަލްގައި ނަސީފާ ވަނީ މޮޅުވެފައެވެ. މި އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ޔުމްނާ ވަނީ އުތުސިއްޔާ ތައުފީޤް އަތުން 24-8 އިން މޮޅުވެފައެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި ޝާހީން ވަނީ އަލީ ސުޖާއު އަތުން 23-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އޭނާ ވަނީ އެންމެ ފަހުގެ އިންޓަ އޮފީސް ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ރަނަރަޕް މަގާމް ހާސިލްކޮށްފައެވެ. މި އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި އަބްދުﷲ އިސްމާއިލް ވަނީ ވަރަށް ފަސޭހަކަމާއެކު އަހުމަދު އާސިފް ބަލިކޮށްފައެވެ. މި މެޗުން އަބްދުﷲ އިސްމާއިލް މޮޅުވީ 25-0 އިންނެވެ. އޭނާ އަކީ ކެރަމް އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނެވެ.

 

ފިރިހެން ޑަބަލްސް ފައިނަލުން ބަލިވި ބައްޕައާ ދަރިފުޅުގެ ޕެއާގެ ފަރާތުން ތަޢުރީފް ޙައްޤު ކުޅުމެއް

މި މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ބަލިވި އާދަމް ސަލީމް އާއި އަލީ އަޚްކަމް އާދަމްގެ ޕެއާ އިން ފައިނަލަށް ދަތުރުކުރީ ތަފާތު މޮޅު ކުޅުމަކާއެކު އެވެ. މި އިވެންޓްގެ ފައިނަލްގައި އަބްދުﷲ އިސްމާއިލް އާއި އިބްރާހިމް އަޒްމީންގެ ޕެއާ އަތުން 25-0 އިން ބަލިވިނަމަވެސް، އާދަމް އާ އޭނާގެ ދަރިފުޅު އަޚްކަމް ވަނީ އޭގެ ކުރީން ކުޅުނު ދެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް، މިވަގުތު ޕްރައިމަރީ ސްކޫލްގައި ކިޔަވަމުން އަންނަ އަޚްކަމްގެ ފަރާތުން ގައުމީ މުބާރާތުގައި ފެނިގެންދިޔަ އުއްމީދީ ކުޅުމަށް ތަޢުރީފް ޙައްޤެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި އަހުމަދު އަޝްރަފް އާއި އަހުމަދު މުޝްރިފްގެ ޕެއާ އިން ވަނީ އައްބާސް ވަހީދު އާއި ހުސެއިން ނިޔާޒްގެ ޕެއާ އަތުން ފަސޭހަކަމާއެކު 25-4 އިން މޮޅުވެފައެވެ.

އާދަމް ސަލީމް (ކ) އާއި އޭނާގެ ދަރިފުޅު އަލީ އަޚްކަމް އާދަމް (ވ) ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ކުޅުނު މެޗެއްގެ ތެރެއިން. --

މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ފާތިމަތު މުޙައްމަދު ސައީދު އާއި އާމިނަތު ޖުނާނާ ސައުދުﷲ ވަނީ 16-10 އިން އައިޝަތު ހިންދު ހުސެއިން އާއި ޒުލައިޚާ ލީން ހުސެއިންގެ ޕެއާ އަތުން މޮޅުވެފައެވެ.

އަންހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ޔުމްނާ އާއި ފަރުހާނާ އަބްދުލް އަލީމްގެ ޕެއާ ވަނީ އައިޝަތު އީޝަލް އިސްމާއިލް އާއި ފާތިމަތު ހައުޒާ ހަމީދުގެ ޕެއާ އަތުން 22-16 އިން މޮޅުވެފައެވެ.