މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން އިބްރާހިމް ހުޖާން އާއި އައިޝަތު ނަހުފާގެ ޕެއާ އިން ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހުޖާން އާއި ނަހުފާގެ އިން ހޯދި ދެވަނަ ފަހަރެވެ. މީގެކުރީން، 2018 ވަނަ އަހަރުގެ މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ވެސް ހުޖާން އާއި ނަހުފާގެ ޕެއާ އިންނެވެ.
އިއްޔެ ފެށި މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ މިކްސް ޑަބަލްސް އިވެންޓްގައި 20 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލްގައި މިއަދު ހަވީރު ހުޖާން އާއި ނަހުފާގެ ޕެއާ ވަނީ 2-1 އިން ޔަމާން އަބްދުލް ޖަލީލް އާއި ފާތިމަތު ރަޔާނާގެ ޕެއާ ބަލިކޮށްފައެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު 23-8 އިން ހުޖާން އާއި ނަހުފާގެ ޕެއާ ގެންގޮސްފައިވަނިކޮށް، ދެވަނަ ސެޓުން ޔަމާން އާއި ރަޔާނާގެ ޕެއާ ވަނީ 25-7 އިން ކުރިހޯދާފައެވެ. އޭގެފަހުން، ނަތީޖާ ނެރުމަށް ކުޅެވުނު ތިންވަނަ ސެޓުން ހުޖާން އާއި ނަހުފާގެ ޕެއާ މޮޅުވީ 22-14 އިންނެވެ.
މި ފަހަރުގެ ގައުމީ މުބާރާތުގެ ފައިނަލަށް ހުޖާން އާއި ނަހުފާގެ ޕެއާ ކުރި ދަތުރުގައި ސެމީގައި ވަނީ އިސްމާއިލް އަޒްމީން އާއި އާމިނަތު ޝުބާ އާދަމްގެ ޕެއާ އަތުން ފަހަތުންއަރައި 2-1 އިން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ހުޖާން އާއި ނަހުފާގެ ޕެއާ ގެންދިޔައީ 6-20، 18-5 އަދި 24-19 އިންނެވެ. އޭގެކުރީން، މި ދެ ކުޅުންތެރިންގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި އަލީ އާޒިމް އާއި އާމިނަތު ނިފާޝާގެ ޕެއާ އަތުން 22-9، 24-8 އިން ވަނީ މޮޅުވެފައެވެ.
މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި އާދަމް އަދީލް އާއި އައިޝަތު ފައިނާޒްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން އަޒްމީން އާއި ޝުބާގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަދީލް އާއި ފައިނާޒްގެ ޕެއާ ކާމިޔާބުކުރީ 25-8، 25-5 އިންނެވެ.
